Advertisement
ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 15:41
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
ބީއެމްއެލްގެ ބޮލުގައި ބަޣާވަތުގެ ތުހުމަތު އެޅުވުން
ސަރުކާރުގެ އެތެރޭގެ ގޯސްތަކެއް އެބަހުރި، ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ ސަރުކާރުތެރެއިން ބަޣާވާތްކުރާތަން - ފައްޔާޒް
ރާއްޖެ އަކީ ވަރަށް ސިޔާސީ ޤައުމެއް، ރައީސްކަމުގައި ހުންނަ ބޭފުޅަކު ވާން ވާނީ ވާހަކަތައް ހަޖަމްވާ ބޭފުޅަކަށް
ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ފައްޔާޒް ވިދާޅުވި
އެމްޑީޕީ އަކީ ބަޣާވާތްކުރާ ޕާޓީ އެއް ނޫން

ސަރުކާރުގެ އެތެރޭގެ ގޯސްތަކެއް އެބަހުރި ކަމަށާއި، ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ ސަރުކާރުތެރެއިން ބަޣާވާތްކުރާތަން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަންކަން މިދާގޮތަށް ދާނަމަ ހާލަތު ގޯސްވާނެ ކަމަށް ފާހަގަކުރައްވާފައެވެ.

ރާއްޖެ އަކީ ވަރަށް ސިޔާސީ ޤައުމެއް ކަަމަށާއި ރައީސްކަމުގައި ހުންނަ ބޭފުޅަކު ވާން ވާނީ ވާހަކަތައް ހަޖަމްވާ ބެފުޅަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ދެފައި ގޮށް ޖެހި ކުރިއަށް އޮތް ދެ ތިން މަސް ދުވަސް ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ދުރުވުން އެކަށީގެންވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައިސް 9 މަސް ދުވަސް ތެރޭގައި ރާއްޖެއިން މިހާތަނަށް ހޯދާފައި ހުރި އިގްތިޞާދީ ކުރިއެރުންތައް ފަހަތަށް ޖައްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ އިތުރުފުޅު ހައްދަވަމުން އެހެން މީހުން ދޮގު ހަދާކަަމަށް ދައްކަވަމުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި ގައުމުގައި ހިނގާ ކަންކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރަކުން ނުކުމެ މާލީ ބަޣާވާތެއް ގެންނަން އުޅޭކަމަށް ބުނުމަކީ ލަދުވެތި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ފުލުހުންނަށް ނުފޫޒު ފޯރުވާ، ސިޔާސީ ސްޓޭޓްމެންޓްތައް ނެރެން މަޖުބޫރުކުރުވުމަކީ ވަރަށް ލަދުގަތް ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ބަޣާވާތްކުރަން އުޅޭކަމަށް ބުނެ ސަރުކާރުން މަސައްކަތްކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމާ އެކަން އިއުލާން ކުރީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު، މަޝްވަރާތަކާ ހިލާފަށް ކަމަށް ބުނެ ބީއެމްއެލް އާއި މެދު ދައްކަމުންދާ ވާހަކަތަކުން ބޭންކިން ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމަށް ފާހަގަކުރައްވާ ފައްޔާޒް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޒިންމާއަދާކުރަން ފަހަތަށް ޖެހޭނެ އޭ ހީވަނީ. އިދިކޮޅުގަ ހުރެގެން ދައްކާ ވާހަކަ އާއި ދޮގު ވާހަކަ ހާމަކޮށްފާނެތީ. ރަސްކަމެއް ނޫންމީކީ. ހުރިހާ ބާރުތަކެއް ވެސް ނަންގަވަނީ. އިއްޔެއަކީ ފުލުހުންނަށް ވެސްް ލަދުވެތި ދުވަހެއް. އެންމެ ކަމަކުން، ވިދާޅުވި ގޮތަކަށް ފުލުހުން ތަނެއް ދޮރެއް ބަލާނުލާ އަމަލުކުރީ. ފުލުހުންގެ އަގު ހިފަހައްޓަން ސީޕީ އިސްތިއުފާދެއްވަން ޖެހޭ. އެކަމަށް ގޮވާލަން. މާލީ ބަޣާވާތެކޭ ކިޔަސް، މެންޓަލް ބަޣާވަތެކޭ ކިޔަސް އަދި އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ.
އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއި

ފައްޔާޒް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ޤާބިލްކަމާއި މެދު ސުވާލު އުފެދޭ ކަމަށާއި މެނޭޖްކުރުމުގެ ޤާބިލްކަން ނެތުމުގެ އިތުރުން، ވަށާ ޖެހޭ ވިސްނުމެއް ވެސް މުއިއްޒުގެ ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މި ވެރިކަމަކީ މާލީ ނިޒާމް އެއްކޮށް ފުނޑުފުނޑުކޮށްލާ ގޮތަށް ހިންގަމުންދާ ވެރިކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން 2013-2018 އަށް ހިނގި ކަންކަމަށް ފަހު ބީއެމްއެލްގެ ކްލިއަރިން ބޭންކެއްގެ ގޮތުގައި އޮތީ އެންމެ ބޭންކެއް ކަމަށާއި މިހާރު ބީއެމްއެލް އާއި މެދު ކުރާ ތުހުމަތުތަކުގެ ސަބަބުން މިހާރު އޮތް ބޭންކްވެސް ގެއްލިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓާލަން ނޫންކަމަށާއި އެމްޑީޕީ އަކީ ބަޣާވާތްކުރާ ޕާޓީ އެއް ނޫން ކަަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް