ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 14:19
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ނައިބު ރައީސްއާ ސަލާމް ކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ނައިބު ރައީސްއާ ސަލާމް ކުރަނީ
ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
ސައުވީސް ގަޑިއިރު މަސައްކަތްޕުޅުގައި، ހަފުތާ އަކު ތިން ރޭ އާރަށުގައި ކުޅިވަރާއި މަޖަލުގައި!
ނިދާ ވަގުތު ޑާޓާ އޮފް ކޮށް ނުލައްވައި، އާރަށުގައި ފުޓުބޯޅަ ކުޅެން ހަފްތާއަކު ތިން ރޭ ތިއްބެވީމާ، އެއީ ހަމަ ރައްޔިތުންނަށް ޚިދުމަތް ކުރުންބާ އެވެ؟

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވީ، އެމަނިކުފާނާއި އެމަނިކުފާނުގެ މުޅި ސަރުކާރު އޮންނާނީ 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ކަމަށެވެ. ރައްޔިތުންގެ އިޙުސާސްތައް އެމަނިކުފާނައި، އެމަނިކުފާނު ސަރުކާރުގެ ވަޒީރުންނާއި، ދެން ވެސް ތިއްބަވާ ބޭފުޅުންނަށް އިނގޭނެ ކަމަށް ވިދާޅުވި އެވެ. އެންމެ ވަގުތެއް ވެސް ބޭކާރު ނުކުރައްވާނެ ކަމަށާއި، ފަސް އަހަރު ހޭދަކުރާނީ ހަމައެކަނި ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސް މުޢިއްޒުގެ އެންމެ އަރިސް ވަޒީރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވެސް ވިދާޅުވެފައި އޮތީ، ދަންވަރު ނިދާ ވަގުތު ވެސް ފޯނުގެ ޑޭޓާ އޮފް ކޮށް ނުލުމަށް ރައީސް މުޢިއްޒު އަންގަވާފައިވާ ކަމަށެވެ. ހަމަ އެންމެ ބޭނުމަކަށެވެ. އެއީ ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ކަމެއް ދިމާވެއްޖެ ޙާލަތެއްގައި، އެކަމަށް އަވަހަށް މަސައްކަތް ކުރެއްވުމަށެވެ. މިއީ އެހާ ވެސް ރައްޔިތުންނާ ގާތް، ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދަންނަ ސަރުކާރެއްތާ އެވެ!

އެހެން ނަމަވެސް، ހޯމަ ދުވަހުގެ ރޭ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކައިން އަޅުގަނޑަށް މުޅިން އެހެން މަންޒަރެއް ފެނުނެވެ. އެ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ހަފުތާ އަކު ތިން ރޭ، އާރަށަށް ވަޑައިގެން އެ ރަށުގައި އޮންނަ ދަނޑުގައި ފުޓުބޯޅަ ކުޅުއްވާ ކަމަށެވެ. ޖަލްސާގެ ކުރީ ގޮނޑި ބަރިއަށް އިޝާރާތް ކުރައްވާ ވިދާޅުވީ، އެ ދުވަސްތަކުގައި ފުޓުބޯޅަ ކުޅުއްވާ ގިނަ ބޭފުޅުން އެ ތަނުގައި ވެސް ތިއްބަވާނެ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ ފުޓުބޯޅަ ކުޅުއްވަނީ، ވަރަށް ފިޒިކަލްކޮށް، ވަރަށް ފޯރީގައި ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެންމެ ފަހުން ކުޅުނު ރޭގައި ވީ ގޮތަކުން، "ކުޑަ އެންޖަރީއެއް" ލިބުނު ކަމަށެވެ. ހަމަ އެ ރޭ ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށާއި، ދަންވަރުގެ ވަގުތަކާ ދިމާވި ނަމަވެސް ހޮސްޕިޓަލަށް ވަޑައިގެންނެވި މަންޒަރު އެތައް ބަޔަކަށް ފެންނާނެ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެ ރޭ ލިބިވަޑައިގެންނެވި އިންޖަރީގައި ޑޮކްޓަރުންގެ ސެކަންޑް އޮޕީނިއަންގައި، އަދި މީގެ ދެ އަހަރެއް ކުރިން އެމަނިކުފާނު ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށް ދެ ދުވަހުގެ ދަތުުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު އެ ރޭގެ ޖަލްސާ ނިންމަވާލެއްވި ގޮތަށް، އެމަނިކުފާނު ސިންގަޕޫރަށް ފުރާ ވަޑައިގެންފި އެވެ.

އަޅުގަނޑުގެ ހިތަށް އެރި އެވެ. މީގެ ކުރިން ވިދާޅުވީ ސައުވީސް ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެ ކަމަށާއި، ތިއްބަވާނެ ކަމަށެވެ. އެހެން ނަމަވެސް، ހަފުތާ އަކު ތިން ރޭ، ވަޒީރުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ގޮވައިގެން، އާރަށަށް ވަޑައިގެން ފުޓުބޯޅަ ކުޅުއްވައި، މަޖާ ކުރެއްވީމާ، އެއީ ރައްޔިތުންނަށް ޚިދުމަތް ކުރެވުނީބާ އެވެ؟ ރަނގަޅެވެ! ރައީސް ވެސް އަދި ވަޒީރުން ވެސް އަމިއްލަ ވަގުތު ހޯއްދަވަން ވާނެ އެވެ. އެކަމަކު ނިދާ ވަގުތު ޑާޓާ އޮފް ކޮށް ނުލައްވައި، އާރަށުގައި ފުޓުބޯޅަ ކުޅެން ހަފްތާއަކު ތިން ރޭ ތިއްބެވީމާ، އެއީ ހަމަ ރައްޔިތުންނަށް ޚިދުމަތް ކުރުންބާ އެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް