ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 13:35
ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ
ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ
ގޯލް.ކޮމް
ނަޕޯލީ
ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް
އެހެންކަމުން އެ ޑީލް ކުރިއަށް ދާ ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ލިޔެ ކިޔުންތައް ފުރިހަމަ ވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ،

ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ނަޕޯލީ އަށް ބަދަލުން ކުރިއަށް ދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާން އަދި ރޯމާ އަށް ކުޅެފަ އެވެ. އެންމެ ފަހުން ލުކާކޫ ކުޅުނީ ރޯމާ އަށެވެ.

ލުކާކޫ ހޯދުމަށް ނަޕޯލީން ކުރަމުން އައި މަސައްކަތުގައި އެ ޑީލް ކާމިޔާބު ކޮށްފައިވާ ކަމަށް މީގެ ދުވަސް ކޮޅެއް ކުރިން މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. އެގޮތުން ޗެލްސީ އާއި ނަޕޯލީ އަށް ވެސް އެއްބަސްވުމަކަށް އާދެވިފައިވާއިރު، ލުކާކޫ ވެސް ބޭނުން ވަނީ ނަޕޯލީ އަށް ބަދަލުވާން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލުކާކޫ ހޯދުމަށް ނަޕޯލީން ޗެލްސީ އަށް 30 މިލިއަން ޔޫރޯ އާއެކު، ޖުމުލަ 45 މިލިއަން ޔޫރޯ ދައްކާނެ އެވެ.

އަނެއްކޮޅުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ލުކާކޫ އަންނަނީ، ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ވާހަކަ ދައްކައިި، މަޝްވަރާތައް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އެ ޑީލް ކުރިއަށް ދާ ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ލިޔެ ކިޔުންތައް ފުރިހަމަ ވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ،

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނަޕޯލީ އާއެކު ލުކާކޫ ސޮއި ކުރާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަޕޯލީ ވެގެން ދާނީ ލުކާކޫގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ 10 ވަނަ ކުލަބަށެވެ.

ލުކާކޫ ވަނީ ޗެލްސީ އަށް ކުޅެދިން 44 މެޗުން 15 ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް ކުޅެދިން 37 މެޗުގައި 14 ލަނޑު ޖެހިއިރު، ރޯމާ އަށް ކުޅެދިން 47 މެޗުގައި ވަނީ 21 ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް