މާލެސިޓީ އަދި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަސާޖްޕާލާ ހިންގުމަށް ހުއްދަ ނުދޭ ކަމަށާއި، މި ޚިދުމަތް ދޭ ތަންތަން ހިންގަމުންދަނީ ސެލޫންތަކުގެ ނަމުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖްޕާލާ ހިންގުމަށް އެއްވެސް އިދާރާއަކުން މިހާތަނަށް ހުއްދައެއް ދީފައިނުވާ ކަމަށެވެ. ސެލޫންގެ ނަމުގައި ހިންގާ ތަންތަނުން އުސޫލާ ހިލާފަށް ޚިދުމަތް ދެމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މަސައްކަތްތައް ފުޅާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޚިދުމަތް ދޭ ކަމަށްވާނަމަ އެތަނެއް ބަންދުކުރާނެ ކަމަށެވެ.
ހަށިވިއްކާ ބިދޭސީން ޑީޕޯޓުކުރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އެފަދަ ކޭސްތަކުގައި އެކަމުގައި އިސްކޮށް އުޅޭ ދިވެހިންނާ މެދު ފިޔަވަޅު އަޅާނެ ކަަމަށެވެ. އަދި ހަށިވިއްކުން ކަހަލަ ކަމެއް ކުރުވާ ކަމަށް ތުހުމަތުކުރެވޭނަމަ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ހުއްދައެއް ދެވިފައި ނުވާނެ މިހާތަނަކަށް އެއްވެސް އިދާރާއަކުން. މި ހިންގަނީ ސެލޫންގެ ނަމުގައި. ހިންގާ ތަންތަން. ދެން މިކުރެވެނީ ތި ދެންނެވި ބާވަތުގެ މަސައްކަތްތައް. އެހެންވީމަ އެހިސާބުން އެއޮތީ އަސްލު މިހާރު ވިޔަފާރި ބަންދުކުރެވޭނެ ހާލަތު އައިސްފައި. އެއީ ހުއްދަ ނުދޭ މަސައްކަތެއް އެތަނުގައި ކުރުން. އަދި ހަށިވިއްކުން ނޫން ކަމަށް ވިޔަސް. އެހެންވީމަ އެހިސާބުން ފެށިގެން އަޅުގަނޑުމެން މިއަދުން ފެށިގެން ޓާސްކް ފޯސްއިން ވަންނަ ކޮންމެ ތަނެއް ބަންދު ކުރާނަން މިފަދަ ކަމެއް ފާހަގަކުރެވިއްޖެއްޔާ. ދެވަނަ ކަމަކީ އެތަނުގެ އެތަނާ ހަވާލުވެ ލިބޭ ދިވެހިންނާ ދޭތެރޭގައި ކޮން ފިޔަވަޅެއްތޯ އަޅަނީ. ދެ އޭންގަލްއަކުން އަޅުގަނޑުމެން މިހާރު އެކަން ކުރާނަން. އެއްކަމަކީ ހިއުމަން ޓްރެފިކިން އޭންގަލްއިން ތަހުގީގު ކުރަން ފަށާނަން މިފަދަ މައްސަލައެއް ފާހަގަކުރެއްވިއްޖެއްޔާ. ހަށިވިއްކުމުގެ ކަމެއް ކުރާ ކަމަށްވާނަމަ. ދެވަނަ ކަމަކީ ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރިއެއް ކުރުން ގަވާއިދާ ހިލާފަށް ވިޔަފާރިއެއް ކުރުން. މީގެ ތެރެއިން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ޓާކްސްފޯސްގެ ތެރެއިން އައިޑެންޓިފައި ކުރެވިފައި އަވަސް ގޮތުގައި އެޅިގެންދާނެ.ހޯމް މިނިސްޓަރު އަލީ އިހުސާން
ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއަށް ގެނެސް، ސަރުކާރަށް ފީ ނުދައްކާ ކުންފުނިތައް ގިނަ ކަމަށެވެ. އަދި މިހާރު އެބިދޭސީން ފިލާފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށާއި، އެމައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ތިންވަނަ އޭންގަލްއަކީ މީގަ ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވުން. ނުވަތަ ބިދޭސީން އެކްސްޕޮލޮއިޓް ކުރުން. އޭގެ ފިޔަވަޅުތައް މިއަދުން ފެށިގެން އަޅުގަނޑުމެން އަޅަން ފަށާނަން. އެއީ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމާ އޭގެ އިތުރުން ޕާސްޕޯޓު ހިފެހެއްޓުމުގެ ކަންތައްތައް. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅާފައިވާނެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިހާރު އެދަނީ ފާސް ކުރުމުގެ މަރުހަލާ ތެރޭގައި އެ އުޅެނީ. އެ އިސްލާހުގައި އަޅުގަނޑުމެން ލާފައިވާނެ ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވާ ކޮންމެ ބިދޭސީއެއް ނުވަތަ އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 އާ ހަމައަށް އެމީހަކު ޖޫރިމަނާ ކުރާނެ ކަމަށް. ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލާކަމެއް މިއީ. އަޅުގަނޑުމެން މިހާރު މި ހަދާ ދިރާސާތަކުން ފާހަގަކުރެވޭ ބިދޭސީން ރާއްޖެ ގެނެސް މަސައްކަތް ކުރުވާފައިވާ ފަރާތްތަކުން ގަވާއިދުން ސަރުކާރަށް ފީ ނުދައްކާ ގިނަ އަދަދެއްގެ މީހުން ވަނީ ފިލާފައި ކަމަށް ރިޕޯޓުކޮށް ގިނަ އަދަދެއްގެ މީހުން ތިމަންނަމެންނަށް ވީނުވީ ނޭނގޭ ކަމަށް ބުނަމުންދާ މައްސަލަތައް. މިއިން ކޮންމެ ކުންފުންޏެއް އަޅުގަނޑުމެން ތަހުގީގު ކުރާނަން. އެމައްސަލަ މިހާރު ސިސްޓަމްގެ ތެރެއިން ކޮންބައެއްތޯ އައިޑެންޓިފައިކޮށް، އަޅުގަނޑުމެން ވާނެ މިހާރު އިއުލާނެއް ކޮށްފައި މިމަހުގެ 30 ހިސާބަށް އަޅުގަނޑު ހަނދާންވަނީ ޑޭޓް ދީފައިވާނީ އެފަރާތްތަކަށް ސިސްޓަމުން ޚިދުމަތް ވެސް ނުދީ ހިފަހައްޓާލަން. އެއަށްފަހު އެފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޚިދުމަތާ ހަވާލުކުރާނަން.ހޯމް މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު އިހުސާން ވިދާޅުވީ އެއްވެސް ކޮންޓްރޯލެއް ނެތި ރާއްޖެއަށް ބިދޭސީން އެތެރެވުމަށް ހުއްދަ ނުދޭނެ ކަމަށެވެ.