ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 14:55
ޔޫއެސްއެސް ފްރޭންކް އީ. ޕީޓަރސަން ޖޫނިއަރ (ޑީޑީޖީ 121)
ޔޫއެސްއެސް ފްރޭންކް އީ. ޕީޓަރސަން ޖޫނިއަރ (ޑީޑީޖީ 121)
ޔޫއެސް ނޭވީ
މެދުއިރުމަތީގެ ހަމަނުޖެހުން
އެމެރިކާގެ އިތުރު މަނަވަރާއި ހަތިޔާރު އިރާނުގެ ބޮލުގައި ޖެހޭ ހިސާބަށް ގާތައް
އެމެރިކާއިން މިހާރުވަނީ އެތައް ހާސް އިތުރު ސިފައިންނާއި ބެލިސްޓިކް މިސައިލް ދިފާޢީ ނިޒާމުތަކާއި، ކްރޫޒް މިސައިލްތަކާއެކު ނިއުކްލިއަރ ހަކަތައިން އޮޕަރޭޓް ކުރާ ސަބްމެރިންގެ އިތުރުން އަސްކަރީ ގިނަ ވަސީލަތްތައް އެ ސަރަހައްދަށް ޖަމާ ކޮށްފައެވެ.

އެމެރިކާގެ އިތުރު އަސްކަރީ ވަސީލަތްތައް އީރާނާ ގާތައް ފޮނުވުމުން، މިހާރު އެތަކެތި ހުންނާނީ "އީރާނުގެ ބޮލުގައި ޖެހޭ ހިސާބުގައި" ގާތުގައި ކަމަށް ޕެންޓަގަން އިން ބުރާސްފަތި ދުވަހު ބުނެފިއެވެ. އެމެރިކާއިން މިފަދަ މޭރުމަކުން ވާހަކަ ދެއްކީ، އީރާނުން އިޒްރޭލަށް ދޭނެ ކަމަށް ވައުދުވި އަސްކަރީ ރައްދުގެ އިންތިޒާރުގައި ބައިނަލް އަގްވާމީ މުޖްތަމައުން ބަލަން އޮތް ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އަސްކަރީ ގާބިލްކަން އީރާނާ ގާތުގައި ވަރުގަދަ ކުރުމުން، އިޒްރޭލާ ދެކޮޅަށް އީރާނުން ދޭން ބުނާ ހަމަލާ ދޭނެ ގޮތާ ބެހޭ ގޮތުން އީރާނުން ޖަހާ ހިސާބުތަކާއި ގެންގުޅޭ ވިސްނުމަށް އަސަރު ކުރާނެ ކަމަށް ޕެންޓަގަން ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ވިދާޅުވިއެވެ.

އީރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކަށް ތައްޔާރު ވުމަށް ޔޫއެސްއެސް އަބްރަހަމް ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް ގަލްފަށް ބުދަ ދުވަހުގެ ރޭ ވަނީ ވަދެފައެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އޮތް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް އެ ސަހަރައްދަށް ވީހާވެސް އަވަހަށް ދަތުރުކުރުމަށް އަމުރު ކުރައްވާފައެވެ.

ސިންގް ބުރާސްފަތި ދުވަހު ވިދާޅުވީ، އަސްކަރީ ގާބިލްކަން އިތުރުކުރުމުގެ ބޭނުމަކީ އިޒްރޭލަށް ހަމަލާއެއް ދީފިނަމަ އެމެރިކާ އޮތީ އިޒްރޭލާ އެކުގައި ކަން ހާމަ ކުރުމުގެ މެސެޖެއް ދިނުން ކަމުގައެވެ.

ހިޒްބުﷲ އާއި ހަމާސް ގެ އިސް ދެ އޮފިޝަލަކު އަވަހާރަ ކޮށްލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނާއި ހިޒްބުﷲ އިން ދިން އިންޒާރާ އެކު އެމެރިކާ އިން ގެންދަނީ އިޒްރޭލު ދިފާއު ކުރުމަށް އެ ސަރަހައްދުގައި އަސްކަރީ ގާބިލްކަން ވަރުގަދަ ކުރަމުންނެވެ.

އެހެން ނަމަވެސް އީރާނާއި ހިޒްބުﷲ އިން އިޒްރޭލަށް ދޭން ބުނި "ރައްދު" އެމެރިކާ އިން ކުރިން އަންދާޒާ ކުރި ތާރީޚްތައް ފަހަނަ އަޅާ ދިޔައިރުވެސް ދީފައެއް ނުވެއެވެ.

އީރާނާއި ލުބުނާނުގެ ހިޒްބުﷲ އިން ބުނަނީ "ދުޝްމަނުން" އިންތިޒާރުގައި ބޭތިއްބުމަކީ ވެސް ނަފްސާނީ ގޮތުން ދެވޭ ހަމަލާއެއް ކަމަށާއި އެއީވެސް ހަނގުރާމައިގެ ބައެއް ކަމުގައެވެ.

އެމެރިކާއިން މިހާރުވަނީ އެތައް ހާސް އިތުރު ސިފައިންނާއި ބެލިސްޓިކް މިސައިލް ދިފާޢީ ނިޒާމުތަކާއި، ކްރޫޒް މިސައިލްތަކާއެކު ނިއުކްލިއަރ ހަކަތައިން އޮޕަރޭޓް ކުރާ ސަބްމެރިންގެ އިތުރުން އަސްކަރީ ގިނަ ވަސީލަތްތައް އެ ސަރަހައްދަށް ޖަމާ ކޮށްފައެވެ.

ޖުލައި 30 ގައި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަދި ހިޒްބުﷲ ގެ އަސްކަރީ އިސް ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަ ކޮށްލުމާއެކު އެމެރިކާގެ އޮފިޝަލުން އަންދާޒާކޮށްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން އިޒްރޭލަށް ބަދަލު ހިފުމުގެ ރައްދު ދޭނެ ކަމަށެވެ. އޭގެ ފަހުން އިންޓެލިޖެންސް މަޢުލޫމާތު އެތައް ފަހަރެއްގެ މަތިން އެމެރިކާ އިން އަދާހަމަ ކުރި ނަމަވެސް އީރާނާއި ހިޒްބުﷲ އިން އަމަލު ކުރާ ގޮތެއް ދެނެގަންނަން އެމެރިކާ އަށް ވަނީ ނޭގިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް