Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 18:49
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާ އާއި ހެލްތު މިނިސްޓްރީ އަދި އިގްތިޞާދީ ތަރައްގީއާއި ބެހޭ ވުޒާރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާ އާއި ހެލްތު މިނިސްޓްރީ އަދި އިގްތިޞާދީ ތަރައްގީއާއި ބެހޭ ވުޒާރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހޯމް މިނިސްޓްރީ
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން
"ޤަވާއިދާއި ޚިލާފަށް ބިދޭސީން މެދުވެރިކޮށް މަސައްކަތް ކުރުވާ ވިޔަފާރިތައް ބަންދުކޮށް ދިވެހިންނަށް ފިޔަވަޅު އަޅާނަން"
ގަވައިދާ ހިލާފަށް ހިންގާ ކޮންމެ ތަނެއް ޓާސްކް ފޯސްއިން ބަންދުކުރާނެ ކަން ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފަ
ޤަވައިދާއި ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިން 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ޕާސްޕޯޓު ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅުމަށް ނިންމާފައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ

ބިދޭސީން ރާއްޖެ އެތެރެކޮށް މާލީ މަންފާ ހޯދުމަށްޓަކައި އެ ބިދޭސީން މެދުވެރިކޮށް މަސައްކަތް ކުރުވާ ނަމަ އެކަން ކުރާ ދިވެހިންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާ ހިންގަން ހުއްދަ ނުދޭ ކަމަށާއި މަސާޖްޕާލާތައް ހިންގަނީ ސެލޫންގެ ނިވާފަތްގަނޑުގައި ކަަމަށެވެ. އެ ފަދަ މައްސަލަތައް މިހާރުވެސް ފެންމަތިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ހިސާބުން ވެސް އެ މަސައްކަތް ކުރުވާ ފަރާތާއި މަސައްކަތް ކުރާ ފަރާތްވެސް ކުށްވެރިވާ ކަމަށެވެ. ސަބަބަކީ ހުއްދަދީފައިވާ މަސައްކަތް ނޫން އެހެން މަސައްކަތެއް އެތަނުގައި ކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން އިތުރަށް ވިދާޅުވީ އެފަދަ މައްސަަލަތައް ފެންމަތިވުމުން ކުރިއަށް އޮތްތަނުގައި ޤަވާއިދާއި ޚިލާފުވާ ބިދޭސީ މީހާ ހައްޔަރުކުރުމުގެ އިތުރުން އެ ވިޔަފާރިއަކާއި މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެތަނުގައި ހަވާލުވެ ތިބޭ ދިވެހިންނާއި މެދު ހިއުމަން ޓްރެފިކިންގެ އޭންގްލް އާއި ޤަވާއިދާއި ޚިލާފަށް ހުއްދަ ނެތި ވިޔަފާރިކުރުމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިދޭސީން ލައްވާ ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރުވާ މީހުން ޖޫރިމަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް އޮތްތަނުގައި ކުރައްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement

އިހުސާން ވިދާޅުވީ މިހާރު ކުރާ ދިރާސާތަކުން ބިދޭސީން ޤަވާއިދާއި ޚިލާފަށް ރާއްޖެ ގެނެސް މަސައްކަތް ކުރުވުމަށް ފަހު، ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ހުރިހާ ކުންފުނިތައް ތަހުގީގުކުރަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ކުންފުނިތައް ތަހުގީގުކޮށް އެ މައްސަލަތަކުގައި ޝާމިލްވާ މީހުން ދެނެގަނެ، އެ މީހުންނަށް ޚިދުމަތް ދިނުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުންފުނިތަކަށް މި މަހުގެ 30 ގެ ނިޔަލަށް ސިސްޓަމުން ހިދުމަތް ނުދީ ހިފަހައްޓާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރ އިހުސާން ވަނީ މިފަދަ މަައްސަލަތަކަކީ ކުރިން ކަންކަން ނުވެ ހުރިކަމަށް ބުނެ ހަމައެކަނި ފާޑުކިޔުމުގެ ބަދަލުގައި އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށެވެ. މީގެ އިތުރުން މައްސަލަތަކުގައި ބިދޭސީން ޑީޕޯޓްކޮށްލުމުގެ ކުރިން އޭނާގެ ފަރާތުން ލިބޭ މައުލޫމާތު ހޯދަމުންދާ ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.

ގަވާއިދާއި ޚިލާފަށް ބިދޭސީންލައްވާ ދިވެހިން 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ޕާސްޕޯޓު ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅުމަށް ނިންމާފައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް ހިންގާ ކޮންމެ ތަނެއް ޓާސްކް ފޯސްއިން ބަންދުކުރާނެ ކަން ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް