ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކާ ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންގެ ޓާސްކް ފޯސްގެ ކޮމްޕޮޒިޝަން އަށް ބަދަލުގެނެސް ބައެއް އިތުރު އިދާރާތައް ޓާސްކް ފޯސް އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޓާސްކް ފޯސްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި އެ ޓާސްކްފޯސް އަށް ބަދަލުގެންނަން ނިންމާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އިކޮނޮމިކް މިނިސްޓްރީ އެ ޓާސްކް ފޯސްގައި ހިމަނަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުގައި ކަމަށެވެ. އެ ޓާސްކްފޯސްގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތްތަކުގައި އޮޕަރޭޝަންތަކުގައި އަމަލީ ގޮތުން ވެސް އެ އިދާރާތަކުން ވެސް ބައިވެރިވާ ގޮތަށް ގަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ޤައުމީ މައްސަލަ އެއް ކަމަށް ސިފަކުރައްވާފައެވެ.
އެޗްޕީއޭ އަދި އެފްޑީއޭ އިން އެ ޓާސްކް ފޯސްގައި އަދާކުރާނެ ދައުރާއި ގުޅޭ ގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޙަލީލް ވަނީ މައުލޫމާތުދެއްވާފައެވެ. ޑރ.ޚަލީލް ވިދާޅުވީ އާއްމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅޭ ތަންތަނުގައި ކަންކަން އިންތިޒާމްވެފައި ހުރިކަން ފާހަގަކުރެވިފަވާ ކަމަށެވެ. އެހެންކަމުން އެކަމަށް އިޖާބަ ދިނުމަށް އެ ދެ އިދާރާއިން ސަމާލުކަން ދޭނެ ކަމަށް ޙަލީލް ވިދާޅުވިއެވެ. އަދި ރަޖިސްޓަރ ނުކޮށް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން ބިދޭސީން މަސައްކަތް ކުރާ ތަންތަން ދެނެގަނެ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހުކުރު ދުވަހުން ފެށިގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ ޤާނޫނުގެ ދަށުން ލިބިދޭ ބާރުތަކާއި އެކު އެކަން ހައްލުކުރުމަށް އިތުރަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އާއްމު ސިއްހަތަށް ނުރައްކާވާ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް އެޗްޕީއެ އިން ކުރަމުންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ޓާސްކްފޯސްގައި އިކޮނޮމިކް މިނިސްޓްރީގެ ދައުރާއި ގުޅޭގޮތުން މައުލޫމާތުދެއްވީ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިޝާމްއެވެ. ވިޝާމް ވަނީ އިކޮނޮމިކް މިނިސްޓްރީން ބަލަމުންދާނީ ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރާ ނަމަ އެކަމާއި މެދު ފިޔަވަޅު އަޅާ އެކަން ހުއްޓުވުމުގެ މަސައްކަތް ކަމަށެވެ. އަދި ޓާސްކް ފޯސްގެ މަސައްކަތުގެ ތެރެއިން ހުއްޓުވާ ތަންތަން އަލުން ޤަވާއިދަށް ފައްތާ ޚިދުމަތް ދޭން ފެށޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ވިޔަފާރި ހަރަކާތް ރެޖިސްޓަރކޮށްފައި އޮތްތޯ އާއި ނަގަން ޖެހޭ ލައިސަންތައް ނަގާފައިވާކަން އެ ވުޒާރާއިން ޔަޤީންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެއްސެއްގެ ނިވާފަތްގަނޑުގައި ވިޔަފާރިކުރާ ބިދޭސީންނާއި މެދު ވެސް މި ޓާސްކްފޯސްގެ މަސައްކަތުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓާސްކްފޯސްގެ މަސައްކަތުގެ ތެރެއިން ޤަވާއިދާއި ޚިލާފު ކަންކަން ހިނގާ ތަންތަނުން ބިދޭސީން ހައްޔަރުކުރުމުގެ އިތުރުން އެތަނެއްގެ ވިޔަފާރި ވެސް ހުއްޓުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެތަންތަން ހުޅުވޭނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.