"ސްޓޫޑެންޓް އޮފް ދި އިޔާ 2" ގައި ޓައިގާ ޝްރޮފްއާ އެކު ފެނިގެންދާނެ ތަރިން އެންމެ ފަހުން ހަމަޖެހިއްޖެއެވެ.
ކަރްނަ ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޓައިގާއާ އެކު ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ނިކުންނަ ދެ ތަރިން ކަމަށްވާ ތާރާ ސުތަރިއާ އާއި އަނަންނިޔާ ޕާންޑޭ އެވެ.
އަނަންނިޔާ ޕާންޑޭއަކީ ކޮމޭޑިއަން ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅެވެ.
އިންޑިއާގެ ނޫހަކަށް ޗަންކީ ޕަންޑޭ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު އަނަންނިޔާ މިހާރު ފިލްމު އިންޑަސްޓްރީއަށް ވަންނަން ތައްޔާރަށް ހުރި ކަމަށާއި ފިލްމު އިންޑަސްޓްރީގެ ބޮޑު ފިލްމަކުން ފެނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަނަންނިޔާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސެލެބްރިޓީ ފިޓްނެސް ޓްރެނިންއިން ގްރެޖުއޭޓް ވެފައެވެ. ތާރާ އަކީ ލަވަކިޔުންތެރިއެކެވެ. އެގޮތުން ތާރާގެ ލަވަކިޔުން ފެށުނީ ސޮނީން 2011 ދެއްކި ލަވަ ކިޔުމުގެ ހުނަރު ދައްކާލާ ޝޯއެއްކަމަށްވާ "އެންޓަޓެއިންމަންޓް ކެ ލިޔޭ ކުޗްބީ ކަރޭގާ"އިންނެވެ.
"ސްޓޫޑެންޓް އޮފް ދި އިޔާ 2" ގެ ލީޑު ރޯލުން ފެނިގެންދާނެ ތަރިން ޔަގީންވެއްޖެ ކަމަށް ބުނަމުންދާއިރު މި ފިލްމު އުފައްދާ ދަރްމާ ޕްރޮޑަކްޝަނުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ" ގައި ފެނިގެން ގޮސްފައި ވަނީ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާއެވެ. އެފިލްމު ނެރެފައި ވަނީ 2012 ވަނަ އަހަރުއެވެ.