ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 18:17
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ރާއްޖެއެމްވީ
ޑޮލަރު ރިޒާވް
ރިޒާވް ހުސްވި ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓަރު ދޮގުކުރައްވައިފި
މިނިސްޓަރ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެކަމާ ބެހޭ ބަޔާނެއް އެމްއެމްއޭ އިން ނެރޭނެ ކަމަށް

ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް މިއަދު އެއްކޮށް ހުސްވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް ދޮގުކުރައްވައިފިއެވެ.

މިކަން މިނިސްޓަރު ދޮގުކުރެއްވީ ރާއްޖެ އެމްވީ އިން އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި މަހުގެ ތެރޭގައި ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ ވާހަކަ ފެންމަތިވެފައި ވަނިކޮށް އޮންލައިން ނޫހެއްގައި ޑޮލަރު ރިޒާވް މިހާރު އެއްކޮށް ހުސްވެއްޖެ ކަމަށް ލިޔެފައިވާތީ، އެކަން ސާފުކުރުމަށް ރާއްޖެއެމްވީ އިން މިނިސްޓަރާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަން ދޮގުކޮށް އެމްއެމްއޭ އިން ބަޔާނެއް ނެރޭނެ ކަމަށެވެ.

މީގެކުރިން ވެސް އެސްއޯއީ އަކަށް ފޮނުވި ސިޓީއަކާ ހަވާލާދީ ރިޒާވް އާ ބެހޭ ގޮތުން ޚަބަރުތަކެއް ފެތުރުނު ކަމަށާއި، ނަމަވެސް އެހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިގޮތަށް އެހާ ބޮޑެތި ދޮގު ޚަބަރުތައް ފެތުރުމުން ރައްޔިތުން ޕެނިކްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ ޖުލައި މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރި ކަމަށާއި އަދި މި މަހު ރިޒާވް އެ އަށް ވުރެ ރަނގަޅުވާނެ ކަމަށް ލަފާކުރައްވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު އާ ހަވާލާދީ މި ދިޔަ އަންގާރަ ދުވަހު "މިހާރު" ނޫހުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް