ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިިދާޅުވުމަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ތާއިދު ކުރައްވައިފިއެވެ.
ލެޓިން އެމެރިކާގެ ބައެއް ގައުމުތަކަށް ނައިބު ރައީސް ޕެންސް ކުރައްވާ ދަތުރުފުޅުގައި ކޮލަމްބިއާ އަށް ވަޑައިގެން ވިދާޅުވީ ވެނެޒުއޭލާއާ މެދު ކަންކުރެވިދާނެ ވަރަށް ގިނަ ގޮތްތަކެއް އެބަހުރި ކަމަށާއި، ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރައްވާ ގޮތުން ލެޓިން އެމެރިކާގައި ތިބި އެމެރިކާގެ އެކުވެރިގައުމުތަކާ އެކީ މަސައްކަތްކޮށްގެން ވެނެޒުއޭލާ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
ޕެންސް ވިދާޅުވީ ވެނެޒުއޭލާގައި ޑިމޮކްރަސީ އިޔާދަވަންދެން ގައުމުތަކާ އެކީ އެެެމެރިކާ އިން މަސައްކަތް ކުރަަމުންދާނެ ކަމަށެވެ.
ރައީސް ޓްރަމްޕް ހުކުރު ދުވަހު ރިޕޯޓަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅާ ގުޅިގެން ވެނެޒުއޭލާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ވެނެޒުއޭލާ އަށް އަސްކަރީ ފިޔަވަޅު އެޅުމާ ބެހޭގޮތުން ރައީސް ޓްރަމްޕް ވާހަކަ ދެއްކުމަކީ "މޮޔަ ކަމެއް" ކަމަށާއި އަދި އެއީ "އާދަޔާ ހިލާފަށް ކަންކަން ހައްދުފަހަނައަޅައި ދިއުން ކަމަށެވެ."
ވެނެޒުއޭލާގައި ހިނގަމުންދާ ހަލަބޮލި ކަމާ ގުޅިގެން އިދިކޮޅު ލީޑަރުން ހައްޔަރު ކުރަމުން ދާތީ އެމެރިކާ އިން ވަނީ ދާދިފަހުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަށާއި މިހާރާއި އަދި ކުރީގެ އެގައުމުގެ ބައެއް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އިފްތިތާހް ކުރި އާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ރައީސް މަޑޫރޯ ވިދާޅުވީ މިއަންނަ މަހު ނިއު ޔޯކްގައި އޮންނަ އދ. ގެ ޖެނެރަލް އެސަމްބްލީގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން ވާހަކަ ދައްކަވަން ބޭނުންވާ ކަމަށާއި، ވެނެޒުއޭލާއާ މެދު ރައީސް ޓްރަމްޕް ޝައުގު ހުރި ނަމަ އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފައި ވަނީ ރައީސް މަޑޫރޯގެ ދައުވަތު ގަބޫލު ނުކުރާ ކަމަށާއި ގައުމުގައި ފުރަތަމަ ޑިމޮކްރަސީ އަށަގަންނުވަން ޖެހޭ ކަމަށެވެ.