އީރާނުން މަދަދުވެރިވާ ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުން، އަންގާރަ ދުވަހު އިޒްރޭލަށް "ގަދަފަދަ ރޮކެޓް ހަމަލާއެއް" ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. އަދި މިއީ އިރުމަތީ ލުބުނާން އަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކަށް "ރައްދު ދިނުމުގެ ގޮތުން" ދިން ހަމަލާއެއް ކަމަށް ވެސް ބުނެފައިވެއެވެ.
ހިޒްބުﷲ ގެ ރޮކެޓް ހަމަލާތައް ފޮނުވީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ގައި ހުރި އިޒްރޭލު ސިފައިންގެ ދެ މަރުކަޒަކަށް ކަމަށް ވެސް އެ ޖަމާއަތުން ހާމަ ކޮށްފައިވެއެވެ.
ހޯމަ ދުވަހު އިޒްރޭލުން ވަނީ ލުބުނާންގެ އިރުމަތީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަންތަކަކަށް ބޮން އަޅާފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ހިޒްބުﷲ އިން މި ދިން ރޮކެޓް ހަމަލާތަކާ ބެހޭ ގޮތުން ބުނެފައިވަނީ ލުބުނާނުން ގާތްގަނޑަކަށް 55 މިސައިލް ފަލަސްޠީނުގެ ސަރަޙައްދަށް ވަދެފައިވާކަމަށެވެ.
"ބައެއް މިސައިލްތައް ވަނީ މަތަކުރެވިފަ، އިތުރު މިސައިލްތައް ވެއްޓިފައިވަނީ ހުސް ބިންތަކަށް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރިޕޯޓުކުރެވިފައެއް ނުވެ،" އިޒްރޭލުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. ބައެއް ރޮކެޓްތައް ގޮވުމުގެ ސަބަބުން އަލިފާން ރޯވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އިޒްރޭލުން ހިޒްބުﷲ ގެ ހަތިޔާރު ގުދަންތަކަކަށް ދިން ހަމަލާއަކީ އިޒްރޭލުގެ އުތުރަށް ހިޒްބުﷲ އިން ދިން ހަމަލާއެއް ގައި އިޒްރޭލް ސިފައިންގެ މީހަކު މަރުވެފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.
އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލު ކުރެވެމުންދާތާ 10 މަސް ދުވަސް ވެފައިވާއިރު އޭއެފްޕީގެ ހިސާބުތަކުން ދައްކާގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން 585 މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ހިޒްބުﷲ ގެ ހަނގުރާމަވެރިންނެވެ. އެހެންނަމަވެސް މަރުވި މީހުންގެ ތެރޭގައި މަދުވެގެން 128 އާންމު ރައްޔިތުން ހިމެނެއެވެ.