Advertisement
ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 12:17
 ރ ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޙާލަތު ވަނީ ގޯސްވެފައި
ރ ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޙާލަތު ވަނީ ގޯސްވެފައި
ރާއްޖެއެމްވީ
ރ ދުވާފަރު ޕްރައިމަރީ ސްކޫލު
ރ ދުވާފަރު ޕްރައިމަރީ ސްކޫލު "ދަބަރަށްވެ" ބޮލަށް ވެއްޓޭ ހިސާބުގައި، މިނިސްޓްރީގެ އެކަށީގެންވާ ޖަވާބެއް ނެތް
ސްކޫލުގެ މައި އިމާރާތުގެ ސީލިންގު ހުރީ ދެންމެ ދެންމެ ވެއްޓިދާނެ ފަދަ ޙާލަތެއްގައި
އެ ސްކޫލަކީ 551 ދަރިވަރުން ކިޔަވަމުންދާ އަދި 77 މުވައްޒަފުން މަސައްކަތް ކުރަމުންދާ ސްކޫލެއް
މިހާރު ގްރޭޑު 2 ބީގެ ކުދިން ވަނީ ސްކޫލުގެ ލައިބްރަރީއަށް ބަދަލުކޮށްފައި

ރ ދުވާފަރު ޕްރައިމަރީ ސްކޫލު "ދަބަރަށްވެ" ބޮލަށް ވެއްޓޭ ހިސާބުގައި އޮތުމުން ބެލެނިވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރ ދުވާފަރު ޕްރައިމަރީ ސްކޫލުގެ ބެލެނިވެރިއަކު ރާއްޖެއެމްވީއާ ވާހަކަދައްކަމުން ކިޔާދިން ގޮތުގައި އެ ސްކޫލަކީ 551 ދަރިވަރުން ކިޔަވަމުންދާ އަދި 77 މުވައްޒަފުން މަސައްކަތް ކުރަމުންދާ ސްކޫލެކެވެ.

Advertisement

އޭނާ ކިޔާދިން ގޮތުގައި ސްކޫލުގެ މައި އިމާރާތުގެ ސީލިންގު ވަނީ އެއްކޮށް ހަލާކުވެ ބާގަނޑުތައް ލާފައެވެ. ދާދި ފަހުން ކުރި ވިއްސާރައިގައި އިތުރަށް ހާލަތު ގޯސްވެފައިވާއިރު، ސްކޫލުގެ ކުޑަދޮރުތައްވެސް ހުރީ ތަޅައިގެން ގޮސްފައެވެ.

ސްކޫލުގެ ކުޑަދޮރުތައްވެސް ހުރީ ބޭނުން ނުކުރެވޭ ޙާލަތުގައި

މިހާރުވެސް ސްކޫލުގެ މައި އިމާރާތުގެ ސީލިންގު ހުރީ ދެންމެ ދެންމެ ވެއްޓިދާނެ ފަދަ ޙާލަތެއްގައިކަން ފާހަގަކޮށް އޭނާ ބުނީ، އެފަދަ ޙާދިސާއެއް ހިނގައިފިނަމަ އެތައް ކުދިންނަކަށް އޭގެ ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.

އޭނާ ކިޔާދިން ގޮތުގައި އެ ސަރަޙައްދަކީ ގްރޭޑް 1 ގެ ތުއްތު ކުދިން ކިޔަވަން ތިބޭ ސަރަޙައްދެވެ.

މައި އިމާރާތުގެ ސީލިންގު ހުރީ ދެންމެ ދެންމެ ވެއްޓިދާނެ ފަދަ ޙާލަތެއްގައި

އޭގެ އިތުރުން، ގްރޭޑް 2ބީގެ ކުދިން ކްލާސް ރޫމަށް ވަނުމުގެ ކުރިން އެ ކްލާހުގެ ސީލިންގު ވެއްޓުނު ޙާދިސާއެއްވެސް ދާދި ފަހުން ފެންމަތިވެފައިވެއެވެ. އެއީ މިހިނގާ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

މި މައްސަލަ ސްކޫލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. ނަމަވެސް މިހާތަނަށް މިނިސްޓްރީން އެދެވޭ ޖަވާބެއް ދީފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޮގަސްޓު 12 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ސިޓީވެސް ފޮނުވާފައެވެ.

ނުވިތާކަށް ސްކޫލުގެ ފާޚާނާތައްވެސް ހުރީ ނުހަނު ހާލަތު ގޯސްވެފައެވެ. އެގޮތުން އެއްވެސް ފާޚާނާއެއްގައި ތަޅެއް ނެތް ކަމަށާއި، ކުދިން ތަޅުލަނީ ލަކުޑިކޮޅެއް ބޭނުންކޮށްގެންކަމަށް ބެލެނިވެރިން ކިޔާދިނެވެ.

ރ ދުވާފަރު ޕްރައިމަރީ ސްކޫލު - ރާއްޖެއެމްވީ

މިހާރު ގްރޭޑު 2 ބީގެ ކުދިން ވަނީ ސްކޫލުގެ ލައިބްރަރީއަށް ބަދަލުކޮށްފައެވެ. އެހެންކަމުން އެކުދިން މިވަގުތު ކިޔަވަމުންދަނީ ލައިބްރަރީގައެވެ. އެއީވެސް ޕާޓިޝަން ޖަހައިގެން އެހެން ގްރޭޑެއްގެ ކުދިންނާއި، ގްރޭޑް 2 ގެ ކުދިންނަށް އެ ސަރަޙައްދު ބަހާލައިގެންނެވެ.

އަދި އެ ސްކޫލުގެ ސްޓޭޖުވެސް މިހާރު ބޭނުމެއް ނުކުރެވޭ ކަމަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކޮށްފައިވާ ޖާގަވެސް މުޅިން ހަލާކުވެފައިވާކަމަށް އޭނާ ކިޔާދިނެވެ. އެގޮތުން އެ ސިޑީގެ ކޮންކްރީޓު އެއްކޮށް ހަލާކުވެ ދަގަނޑުތައްވެސް މިހާރު ހުރީ ފެންނާށެވެ.

އޭނާ ކިޔާދިން ގޮތުގައި މިހާރު މުޅި ސްކޫލު އޮތީ "ދަބަރަށްވެފަ" އެވެ.  

ނިމިދިޔަ ސަރުކާރުގައި މި ކަންކަމަށް ހައްލު ގެނައުމުގެ ބޭނުމުގައި އައު އިމާރާތެއްގެ މަސައްކަތް ފަށާފައިވެއެވެ. ވެރިކަން ބަދަލުވިއިރު އެ އިމާރާތުގެ މަސައްކަތް ވަކި ހިސާބަކަށް ވަނީ ކުރެވިފައެވެ. ނަމަވެސް މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް މިހާރު ވެފައިވާއިރު، މި ސަރުކާރުގައިވެސް އެ މަސައްކަތް އަލުން ފެށުމަށް މަސައްކަތެއް ކުުރެވިފައި ނެތްކަން ބެލެނިވެރިން ފާހަގަ ކުރެއެވެ.

މި ކަންކަމަށް ހައްލު ގެނައުމުގެ ބޭނުމުގައި އައު އިމާރާތެއްގެ މަސައްކަތް ވަކި ހިސާބަކަށް ކޮށްފައިވޭ

މައުލޫމާތު ލިބޭ ގޮތުގައި އެރަށު ކައުންސިލުން ވަނީ މީގެ ކުރިން އެކި ކަންކަމުގައި ސްކޫލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިހާރު އޮތީ ކައުންސިލުން އެގޮތަށް މަސައްކަތްތައް ކުރުން ހުއްޓުވާފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ މި މައްސަލައަށް ހަފްތާއެއްގެ ތެރޭގައި އެކަށީގެންވާ ހައްލެއް ނާންނަނަމަ، ބެލެނިވެރިން މުޒާހަރާއަށް ނުކުންނާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް