އެންޑީއޭ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ އައިޖީއެމްއެޗް ހޯމް މިނިސްޓްރީގެ ދަށަށް ބަަދަލުކުރުން ފަދަ ކަމެއް ކަަމަށް އެމްޑީޕީގެ މަސްތުވާތަކެއްޗާއި ގުޅުން ހުރިކަންކަން މޮނިޓަރކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަވަރުބެރު ޕެނަލް ޑިސްކަޝަންގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ނޭޝަނަލް ޑްރަގް އެޖެންސީގައި އިސްކޮށް އުޅުއްވި ސަބާ ވިދާޅުވީ މި ސަރުކާރު ވެރިކަަމަށް އައިގޮތަށް އެންޑީއޭ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށާއި އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތުގައި ފަހަތަށް ސޮއްސާލުންކަމަށް ޤަބޫލުކުރައްވާކަމަށެވެ. ސަބާ ވިދާޅުވީ ޖަލުތައް ގިނަކޮށް އަދަބު ހަރުކަށިކޮށްގެން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އުޅުމަކީ މީގެ ކުރިން ވެސް ރާއްޖެއިން އަޖުމަ ބަލާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެކަމުން އެކަށީގެންވާ ނަތީޖާ އެއް ނުނިކުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަރުކަށި އަދަބުތައް ތަންފީޒުކޮށްގެން އެކަނި މަސްތުވާތަކެތީގެ މައްސަލަ ހައްލުވުމަކީ ދުނިޔޭގެ އެއްވެސް ތާކުން ކާމިޔާބު ކަމާއި އެކު ތަންފީޒުކޮށްފައިވާ ނިޒާމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނިމިދިޔަ ސަރުކާރުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައު އަށް ނެރުމަށް ގެންގުޅެފައިވާނީ ސިއްހީ އެޕްރޯޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސިއްހީ ނިޒާމްގެ ތެރެއިން ފަރުވާ އާއި ޕްރިވެންޝަން އާއި ދެބައި އެއްކޮށް ފަރުވާގެ ނިޒާމް ހަރުދަނާ ކުރުމަށް ނިމިދިޔަ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެންޑީއޭ އަށް ސިޔާސީ މީހުން ލަމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެޑިކްޝަން އެއީ ބައްޔެއް. ބައްޔަކަށް ފަރުވާ ދޭން ޖެހޭނީ. އެތާ ތިބި ޓެކްނިކަލް މީހުން ވެސް ފޫހިވޭ އެ މީހުންގެ މައްޗަށް ބަސްބުނަން ސިޔާސީ މީހުން އައުމުން. އެ މީހުން ދެކޭ ގޮތް މުޅި އެތި ބަދަލުވަނީ. އެވިޑެންސް ބޭސްޑް އެޕްރޯޗަކަށް މި ބޭފުޅުން ވަނީ ހުރަހަކަށް.މަސްތުވާތަކެއްޗާއި ގުޅުން ހުރިކަންކަން މޮނިޓަރކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ)
މީގެ އިތުރުން މި ސަރުކާރުން އެންޑީއޭގެ ސީއީއޯ ވަކިކޮށްފައިވާ ގޮތާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަމައެހެންމެ އެމްޑީޕީ ސަރުކާރުން އެންޑީއޭގެ ސީއޯއަކަށް ހުންނެވި ބޭފުޅާ ވަކިކުރީ ޕްރޮބޭޝަންގެ މުއްދަތު ހަމަވި އިރު އޭނާގެ ޝަރުތު ހަމަނުވާކަން ފާހަގަކުރެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން އެންޑީއޭގެ ސީއީއޯ ވަކިކުރީ ވަރަށް ތަފާތު ހާލަތެއްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެންޑީއޭ އިން އިތުރަށް ވަކި ކުރި މީހުން ވަކި ކުރީ ފަންނީ ޤާބިލްކަން ނެތުމާއި، އަޚުލާގީ މައްސަލަތައް ދިމާވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ވެސް ވަގުތީ ސީއޯ އެއް އައްޔަންކޮށްގެން އެންޑީއޭ ހިންގާފައި ނުވާ ކަމަށާއި އެތަން ހިންގީ ޒިންމާދާރުވެރިޔާ އިސްވެ ހުންނަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެންޑީއޭގެ މުޅި ނިޒާމް ސިޔާސީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.