ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 11:07
ރެއާލުން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލުން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ
ގޯލް.ކޮމް
ރެއާލް މެޑްރިޑް
މެޗު އެއްވަރުވުމުން އަންޗެލޮޓީ ހިތްހަމަ ނުޖެހިއްޖެ
އެ މެޗުގައި ރެއާލަށް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެއަށްވުރެ ބޮޑަށް ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމުގައި އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އައު ސީޒަންގެ ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު އެއްވަރުވުމުން، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްހަމަ ނުޖެހިއްޖެ އެވެ.

ރެއާލްގެ ފުރަތަމަ މެޗުގައި އެ ޓީމު ނިކުތީ މަޔޯކާއާ ދެކޮޅަށެވެ. މަޔޯކާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެއްވަރުވެފައި ވަނީ 1-1 އިންނެވެ. މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނިކޮށް، މަޔޯކާ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މެޗުގައި ރެއާލަށް ބައެއް ކަންކަން މަދުވީ ކަމަށެވެ. އެގޮތުން އެއް ފެންވަރެއްގައި އަދި އެ ވައްޓަފާޅިއެއްގައި އެ ޓީމަށް ނުކުޅެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މެޗު އެއްވަރުވީއިރު، މެޗުގެ ނަތީޖާއާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ. ސަބަބަކީ އެ މެޗުގައި ރެއާލަށް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެއަށްވުރެ ބޮޑަށް ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމުގައި އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މެޗާ ގުޅޭ ގޮތުން އަންޗެލޮޓީ ބުނީ، އެ މެޗުން ރެއާލަށް ވަރަށް ގިނަ ކަންކަން ދަސް ކުރެވޭނެ ކަމަށެވެ. ޚާއްސަކޮށް މައްސަލަތައް ދިމާވަނީ ކޮން ހިސާބެއްގައިކަން އިނގޭ ކަމަށާއި، އެހެންކަމުން ދެ ވަނަ މެޗަށް ނިކުންނައިރު އެކަންކަމަށް ފުރިހަމަ އަށް ސަމާލުކަން ދީގެން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ލީގުގައި ރެއާލްގެ ދެ ވަނަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެ ޓީމު ނިކުންނާނީ ރެއާލް ވަލަޑޮލިޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް