ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މީގެ ކުރިންވެސް އެ ނިންމުންތައް ތަންފީޒު ކޮށްފައި ނުވަނީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާއަތަށް އޮތް ގެއްލުން ބޮޑުކަމުގެ ސަބަބުންކަން ފާހަގަ ކުރައްވައި މި މައްސަލަ ހުށަހަޅުއްވަމުން މައުރޫފު ވިދާޅުވީ، މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
އެ ނިންމުން ތަންފީޒު ކޮށްފިނަމަ އޭގެ ސަބަބުން މަސްވެރި އާއިލާތަކުގެ އާމްދަނީއަށްވެސް އަސަރު ކުރާނެކަން މައުރޫފު ފާހަގަ ކުރެއްވިއެވެ.
މައުރޫފު ވިދާޅުވި ގޮތުގައި މިއީ މަސްވެރިކަމުގެ މާކެޓް "މޮނޮޕޮލައިޒްވެ"، މަސްވެރިންނަށް ހަމަ އަގުނުލިބި އާއިލާތަކަށް އެކަމުގެ ނިކަމެތިކަން އަންނާނެ ކަމެއްކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.
އޭގެ އިތުރުން، ނެތި ދިއުމުގެ ނުރައްކާ ހީވެފައިވާ ދިރުންތައް "ބައި ކެޗް" ގެ ގޮތުގައި ހިފުމުގެ މަގު ފަހިވެ، އޭގެ ސަބަބުން ކަނޑުގެ އިކޯސިސްޓަމަށް މީގެ ސަބަބުން އަސަރު ކުރާކަންވެސް މައުރޫފު ފާހަގަ ކުރެއްވިއެވެ.
އަދި މިއީ ކަނޑުގެ ދިރުންތަކަށް އަސަރުކޮށް، އޭގެ ސަބަބުން ފަތުރުވެރިކަމަށްވެސް ނުރަނގަޅު އަސަރު ކުރާނެ ކަމެއްކަމަށް މައުރޫފު ވިދާޅުވިއެވެ.
މިއީ ކަނޑުގެ ސަރަޙައްދުގައި ހިންގާ ޤާނޫނާ ޚިލާފު ކަންކަން އިތުރުވުމުގެ ބިރު އޮތްކަމެއް ކަމަށްވެސް މައުރޫފު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ. އެ ޙާލަތުގައި ކަންކަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތްކަމަށް މައުރޫފު ވިދާޅުވިއެވެ.
ކަނޑުމަތީގާ ހިނގާ ޤާނޫނާ ޚިލާފު ކަންކަން އަލުން ހުޅުވާލުމުގެ ފުރުސަތު އޮންނާނެ، މިއީ ރެގިއުލޭޓް ކުރަންވެސް އުނދަގޫ ކަންކަންކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު
މި މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 11 މެމްބަރެކެވެ. ބަހުސް ކުރަން ނުފެންނަކަމަށް 49 މެމްބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން މި ކުއްލި މައްސަލަ ވަނީ ބޭރު ކޮށްލާފައެވެ.
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާއިރު ލޭނުގައި ޖެހި މަރުވެފައި ހުންނަ މިޔަރުގެ ވިޔަފާރި ކުރުމަށްވެސް ހުއްދަ ދޭން ސަރުކާރުން ވިސްނަމުންދާތީ އެކަމާއި މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިއީ ރާއްޖޭގެ ވެރިންގެ އަގު ބައިނަލްއަޤުވާމީ މުޖުތަމައުގެ ކުރިމަތީގައި ބަދަލުވެގެންދާނެ ކަމެއް ކަމަށާއި، އެންމެންގެ ހައްގުގައި މި ނިންމުން އިއާދަކުރުމަށް އެމްޑީޕީގެ އިސްވެރިންވެސް ވަނީ ގޮވާލައްވާފައެވެ.
އޭގެ އިތުރުން، ލޭނު މަސްވެރިކަމަށް ހުޅުވާލުން މުރާޖާ ކުރުމަށް ގޮވާލައި ތިމާވެށި ހިމާޔަތް ކުރުމާއި މަސްވެރިންނާއި މަސްވެރިކަމުގެ ހައްގުގައި ވަކާލާތުކުރާ 18 މަދަނީ ޖަމިއްޔާއަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކޮށްފައެވެ.