އައު ސީޒަންގެ އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އެއްވަރުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އިންޓަ އިން ނިކުތީ ޖެނޯގެ ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ. އެ މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޖެނޯ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލެސަންޑްރޯ ވޮގްލިއާކޯ އެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން މާކަސް ތުރަމް ވަނީ ލަނޑު ޖަހައި، އިންޓަ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ތުރަމް ވަނީ އިންޓަގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޖޫނިއާ މެސީއަސް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އިންޓަގެ އިތުރުން މިދިޔަ ސީޒަންގެ ދެ ވަނަ ހޯދީ އޭސީ މިލާން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެފަ އެވެ. މިލާންގެ އަމިއްލަ ދަނޑުގައި ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު އެއްވަރުވެފައި ވަނީ ވެސް 2-2 އިންނެވެ. އެއީ މެޗުގައި ޓޮރިނޯ އިން ދެ ލަނޑު ލީޑެއް ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
ލީގުގައި އިންޓަގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ލީސްއާ ދެކޮޅަށެވެ. މިލާންގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ޕާމާއާ ދެކޮޅަށެވެ.