ޖަރުމަނު ސުޕަ ކަޕްގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސްޓަޓްގާޓް ބަލިކޮށް، ބަޔާ ލެވަކޫސަން އިން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ލެވަކޫސަން އިން ވަނީ ކުރި ހޯދައިފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ލެވަކޫސަން އިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވިކްޓާ ބޮނިފޭސް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ސްޓަޓްގާޓުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޒޯ މިލޮޓް އެވެ.
އެ ލަނޑަށްފަހު، ސްޓަޓްގާޓުން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނެގީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެނިސް އުންޑާވް އެވެ. ފުރަތަމަ ހާފުގައި ޓެރިއާ އަށް ސީދާ ރަތް ކާޑު ދެއްކުމުގެ ސަބަބުން، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ލެވަކޫސަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 88 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިިދިނީ ޕެޓްރިކް ޝިކް އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ލެވަކޫސަނުން ވަނީ ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ސްޓަޓްގާޓަށް ތިން ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، އަނެއް ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.