Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 14:15
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ރާއްޖެއެމްވީ
ބޯހިޔާވަހިކަން ފޯރުކޮށްދިނުން
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް: މެންބަރު ނާޒިލް
ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދަން މިސަރުކާރަށް ނޭނގޭ
މިމައްސަލަ ހައްލުކޮށް ބޯހިޔާވަހިކަން އަވަހަށް ފޯރުކޮށްދިނުމުގެ ވިސްނުން މިސަރުކާރުގެ ނެތް
ގޯއްޗާއި ފްލެޓުގެ މައްސަލާގައި އާއްމު ރައްޔިތުން ރުޅިގަދަވެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ސަރުކާރާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުން

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ދޫކުރުމުގައި މިސަރުކާރުން އަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން ކަންބޮޑުވުންފާޅު ކުރައްވައި، ރާއްޖެޓީވީގައި މެންބަރު ނާޒިލް ވަނީ ވާހަކަދައްކަވާފައެވެ. އަދި މިސަރުކާރަށް 9 މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ފްލެޓުތަކާއި ގޯތިތައް ދޫނުކުރަނީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

Advertisement

މެންބަރު ނާޒިލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދަން މިސަރުކާރަށް ނޭނގޭ ކަމަށާއި، އެ މަންޒަރު ފެންނަމުންދާ ކަމަށެވެ. މެންބަރު ނާޒިލް ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާ ފްލެޓުތައް ވެސް ނުދީ ހިފަހައްޓާފައިވަނީ މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި ވެސް މިމައްސަލަ ހައްލުކޮށް ބޯހިޔާވަހިކަން އަވަހަށް ފޯރުކޮށްދިނުމުގެ ވިސްނުން މިސަރުކާރުގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަމޭ ކިޔާފައި މާލެސަރަހައްދުން އެބޭފުޅުންނަށް ކުރެވުނު އެއް ކަމެއް ވެސް އެބައޮތް ތޯ. ނެތް ހަގީގަތުގައި. މުޅި ރާއްޖެއަށް ބަލާއިރު ކޮންކަމެއްތޯ ކުރެވުނީ. ނެތް އެއްވެސް ކަމެއް ކުރެވިފައި. ހަގީގަތަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ނިމިދަނީ. ބާކީ އޮންނާނީ 4 އަހަރު. މިއަންނަ އަހަރުގެ ތެރޭގައި ނުފެށޭ ޕްރޮޖެކްޓެއް މިވެރިކަން ނިމޭއިރު ރައްޔިތުންނަށް އޭގެ ފޮނިމީރުކަމެއް އެބޭފުޅުންނަށް ނުއެއް ދެވޭނެ. އަޅުގަނޑުމެންނަށް ނުފެނޭ އެބޭފުޅުންނަށް އެކަން ކުރަން އެނގޭ ކަމެއް. އެނގޭ ތަނެއް ނުފެނޭ. އެނގޭނެ ހެންނެއް ހިޔެއް ނުވޭ. ކުރަން ބޭނުންވާ ކަހަލަ ގޮތަކަށް ނޫން އެބޭފުޅުން މިއުޅުއްވަނީ ހަގީގަތުގައި. ނޭނގޭ ކީއްކުރަން ކަމެއް ވެރިކަމާ ހަވާލުވީ. އެވެސް އެހައި ސާފެއް ނޫން. ރައްޔިތުންނަށް ކޮންކަމެއް ކޮށްދޭން ކަމެއް ސާފެއް ނޫން. އަޅުގަނޑަށް ހަމަ ވަރަށް ސާފު. މިބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތީމައޭ މިހާ ހިސާބަށް މާލެސަރަހައްދުން ދޫކުރެވިފައިވާ ގޯއްޗާއި އަދި 4000 ފްލެޓުގެ ކަންތައްތައް މަޑުޖެހި މިހިސާބަށް މިދާންޖެހުނީ އިހްލާސްތެރިކަމެއް ނެތީމަ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ގޯއްޗާއި ފްލެޓުގެ މައްސަލާގައި އާއްމު ރައްޔިތުން ރުޅިގަދަވެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ ސަރުކާރާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ.

29 ޖުލައި 2024 ގައި ޕެޓިޝަން ކޮމެޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ފްލެޓު ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ 32 ޓަވަރުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ފުރަތަމަ 6 ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރު މަސް ތެރޭގައި ކަމަށެވެ. އެޓަވަރުތަކުގެ މަސައްކަތް ނިމުމާއެކު ލިސްޓު ވެސް އާއްމުކުރާނެ ކަމަށާއި، ފްލެޓުތައް ހުސްކޮށް ނުބަހައްޓާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން 12 އޯގަސްޓް 2024 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ހުޅުމާލެ ފޭސް-2 އަކުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ހުޅުމާލެ-ފޭސް 3 އަކުން ދޫކުރާ ގޯތިތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ ހުޅުމާލެ- ފޭސް3 ގެ ފަޅުން ގޯތި ލިބުނު 699 މީހުންނަށް ގޯތި ދޫކުރާނެ ކަމަށާއި، ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ގިރާވަރުން 5187 މީހުންނަށް ގޯތި ދީފައިވަނީ ފަޅުތެރިން ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގޯތި ދޫކުރެވޭނީ އެމަސައްކަތް ނިމުމުން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި މިނިސްޓަރު ހައިދަރު ވިދާޅުވީ ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ވަކިކޮށް ހަވާލު ކުރެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށާއި، މިހާރުގެ ހާލަތުގެ ގޮތުން ބިން ކަނޑައަޅާ ކަންމުޑި ޖެހިދާނެ ކަމަށެވެ. ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާތީ ކަންމުޑި ޖަހައިގެން ވެސް އެ ކަންމުޑިތައް އެތާ ހުންނާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް