Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 14:12
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދިނުން
މި ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދޭނަމަ މާގިނަ ދުވަހެއް ނުވެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލޭނެ: މެންބަރު ނާޒިލް
މަޖިލީހުގެ ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން
ރައްޔިތުންނަށް ބީރު ކަންފަތެއްދީގެން މުޅި ދައުރު ނިންމާނުލެވޭނެ
ސަރުކާރަށް ވެސް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން ނޫޅެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދޭނަމަ މާގިނަ ދުވަހެއް ނުވެ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލޭނެ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަމުން މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބިފައިވާތީ، ގައުމުގައި ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. މެންބަރު ނާޒިލް ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން މަޑުމަޑުން ތިބެގެން ބައެއް ކަންކަން ކުރަމުންދާ ކަމަށާއި، އެކަންކަމާ ގުޅޭގޮތުން ސުވާލުކޮށް ސަރުކާރަށް ފާރަވެރި ބަލާނެ ބައެއް ނެތް ކަމަށް ސަރުކާރުން ހީކުރާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުހިނގާނެ ކަމަށާއި، ސަރުކާރަށް ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް ރައްޔިތުންނަށް ބީރު ކަންފަތެއް ދޭ ކަމަށްވާނަމަ، އެގޮތަށް މާގިނަ ދުވަހު ނުތިބެވޭނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

Advertisement

މެންބަރު ނާޒިލް ވިދާޅުވީ މަޖިލީހުގެ ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށާއި، ރައްޔިތުންނަށް ބީރު ކަންފަތެއްދީގެން މުޅި ދައުރު ނިންމާނުލެވޭނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްނުދީ މަޖިލީހުގެ މެންބަރުން ހިފަހައްޓައި، އޮބަހައްޓާގެން އެހައި ގިނަ ދުވަހަށް ނުގެންގުޅެވޭނެ ކަމަށާއި، އެމަންޒަރުތައް ވަރަށް އަވަހަށް ފެންނާނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަރަށް ބޮޑު މެޖޯރިޓީއެއް ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު އެބޭފުޅުންނަށް ދެން ވަރަށް މަޑުމަޑުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރަމުންދިޔަ އަސް އެކަމާ ސުވާލުކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ފާރަވެރިވެ ބަލާނެ ބައެއް ނެތް ކަމަށް އެބޭފުޅުން އެބަ ގަބޫލުކުރޭ. އެއީ އަސްލު ހަގީގަތުގައި މިކަންތައްތައް މިހިސާބަށް ދިގުދެމިގެން މިދިޔައީ އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެބޭފުޅުންގެ އަތުގައި އޮތީމަ. އެބޭފުޅުންނަށް ގަބޫލުކުރެވެނީ ތިމަންނަމެންނަށް މި ސުޕަ މެޖޯރިޓީއާއެކު ރައްޔިތުންނަށް ބީރު ކަންފަތެއް ދީގެން ތިބެވިދާނެ ކަމަށް. ހަގީގަތުގައި މާގިނަ ދުވަހެއް ނުވާނެ. ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އަދި ކޮންމެ ޕާޓީއަކުން ވެރިކަމުގައި ތިއްބަސް، ޕީއެންސީ ކަމުގައި ވިޔަސް، އެމްޑީޕީ ކަމުގައި ވިޔަސް، އެހެން ޕާޓީއެއް ކަމުގައި ވިޔަސް ރައްޔިތުން މަޖިލީހުގައި ތިބި އެ މެންބަރުންނަށް ވެސް އެގޮތަކަށް މުޅި ދައުރު ނިންމާނުލެވޭނެ. ރައްޔިތުންނަށް ބީރު ކަންފަތެއް ދީގެން.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ރައްޔިތުންގެ ހައްގުގައި މަޖިލިސް މެންބަރުން ވަކާލާތުކުރާނެކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރަށް ވެސް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން ނޫޅެވޭނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރާ ކަމަށްވާނަމަ މާގިނަ ދުވަހެއް ނުވެ ބޮޑު ސުޕަ މެޖޯރިޓީ ނިމިދާނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް