Advertisement
ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 22:19
ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ
ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ، ލީޑަރޝިޕް އެންޑް ރިސިލިއެންސް ރިސަރޗް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ
އެމްއެންޔޫ
ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުން
ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއްވާނެ: ނަޝީދު
ލޭނުގެ މަސްވެރިކަމާއެކު އެންމަޑި، ޑޯލްފިން، އެންމަތީ ދޫނި އަދި މިޔަރު ދަލުގައި ވަރަށް ގިނައިން ޖެހޭނެ
ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
މަސްވެރިންނަށް ވީ ވައުދު ފުއްދުމުގައި ސަރުކާރު ވަނީ ފެއިލްވެފައި

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ ވަޒީރުންގެ މަޖިލީހުންނެވެ. އެއާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމަށް ޚާއްސަ ގަވާއިދެއް އެކުލަވާލާ ބަޔާނެއް ނެރިފައެވެ.

Advertisement

މިކަމާ ކަންބޮޑުވުންފާޅު ކުރައްވައި އެކްސްގައި ނަޝީދު ވިދާޅުވީ ލޭނުގެ މަސްވެރިކަމާއެކު އެންމަޑި، ޑޯލްފިން، އެންމަތީ ދޫނި އަދި މިޔަރު ދަލުގައި ވަރަށް ގިނައިން ޖެހޭނެ ކަމަށާއި، އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށްދާ ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމުގެ ސިނާއަތާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއްވާނެ ކަމަށެވެ.

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޔޫނިއަންއިން ބުނެފައިވަނީ މަސްވެރިންނަށް ވީ ވައުދު ފުއްދުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، 20 ރުފިޔާއަށް އަށްވުރެ ދަށް ނުކުރަން ބުނި މަސް ކިލޯ 16 ރުފިޔާއަށް ހަދާފައިވާ ކަމަށެވެ. އަދި ކަންނެލި މަސްވެރިންނަށް ވީ އެއްވެސް ވައުދެއް ނުފުއްދާ ބޯޓުފަހަރަށް ލޭނު އަޅައިގެން ކަންނެލި ބާނާށާއި މިޔަރު ބާނަން ހުއްދަ ދީފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ.

މީގެ އިތުރުން އެޔޫނިއަން އިން ބުނީ ލޭނުގެ މަސްވެރިކަމަކީ އިޖްތިމާއީ އިގްތިސާދީ އަދި ވެއްޓަށް ނުހަނު ގިނަ ގެއްލުންތައް ލިބޭނެ ކަމަށާއި، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ދެކޮޅު ކަމަށެވެ. އަދި ދިރިއުޅޭ ވެށި ހިމާޔަތް ކުރަންޖެހޭ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް