ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 11:28
ރެއާލްގެ ކުޅުންތެރިންނާ އެކު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލްގެ ކުޅުންތެރިންނާ އެކު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑް
އިތުރު ކުޅުންތެރިން ގެންނަން އަންޗެލޮޓީ ބޭނުމެއް ނުވޭ!
އަންޗެލޮޓީ ބުނީ، އިތުރު އެހެން ކުޅުންތެރިޔެއްގެ ސޮއި ހޯދަން އޭނާ ދެން ނުބުނާނެ ކަމަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް އިތުރު ކުޅުންތެރިޔަކު ގެންނަން މިވަގުތު ބޭނުން ނުވާ ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ސުޕަ ކަޕްގެ ފައިނަލް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލުން ވަނީ ހަ ވަނަ ފަހަރަށް ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން ބައެއް ކުޅުންތެރިން ހޯދި އެވެ. އެގޮތުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ރެއާލުން ވަނީ ހޯދައިފަ އެވެ.

މިވަގުތު ރެއާލްގައި ތިބި ކުޅުންތެރިންނާއި، ދެން އިތުރު ކުޅުންތެރިޔަކު ހޯދަން ބޭނުންވޭތޯ ސުވާލު ކުރުމުން އަންޗެލޮޓީ ބުނީ، އެހެން ކުޅުންތެރިޔަކު ހޯދަން ބޭނުން ނުވާ ކަމަށެވެ. އަދި ރެއާލްގެ މާކެޓު ބަންދުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އިތުރު އެހެން ކުޅުންތެރިޔެއްގެ ސޮއި ހޯދަން އޭނާ ދެން ނުބުނާނެ ކަމަށެވެ.

ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގެ ކުރިން ވެސް އަންޗެލޮޓީ ވަނީ ރެއާލްގެ ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ކުރިއަށް އޮތް ސީޒަނަށް ރެއާލުން ކުރިމަތިލާއިރު، އެ ޓީމުގައި ވަރުގަދަ ސްކޮޑެއް އޮންނާނެ އެވެ. އެކަމަށް އިޝާރާތްކޮށް އަންޗެލޮޓީ ބުނީ، އެހާ ގިނަ ރަނގަޅު ކުޅުންތެރިން ތިބުމަކީ އޭނާގެ ޗުއްޓީ ވެސް ޚަރާބުކޮށްލި ކަމެއް ކަމަށެވެ. އެގޮތުން، ހުރިހާ ވަގުތެއްގައި ކުޅުވާނީ ކޮން ކުޅުންތެރިނެއް ލައްވައިތޯ ވިސްނުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް