Advertisement
ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 11:24
އަބްދުލްވާހިދު ރިފާސް
އަބްދުލްވާހިދު ރިފާސް
ރާއްޖެއެމްވީ
ނައީމާގެ މަރުގެ މައްސަލަ
ނައީމާގެ މަރު: ރިފާސްއަށް ކުރާ ދައުވާތައް އިއްވައިފި
3 މީހުންގެ ބައި ކުރިއަަށް ގެންދަނީ ވަކިވަކިން
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.

އެ 3 މީހުންގެ ބައި ކުރިއަަށް ގެންދަނީ ވަކިވަކިންނެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އަބްދުލްވާހިރު ރިފާސްގެ ދިފާއީ ވަކީލު ވަނީ ދައުވާ ފޯމުގެ ހެކި ލިސްޓުގައި ނަންބަރުތައް ހުރިގޮތުން އޮޅުންތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އެކަން މި އަޑުއެހުމުގައި ދައުލަތުން ވަނީ ސާފުކޮށްދީފައެވެ.

ބައެއް ރިޕޯޓުތައް އަދި ދިފާއަށް ދޫކުރަން ޖެހޭކަން ދައުލަތުންވެސް ފާހަގަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ދިފާއު ބިނާ ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ހެކިތައް މުހިއްމު ކަމަށާއި، އެހެންކަމުން އެ ހެކިތަކާ ގުޅޭ ރިޕޯޓުތައް ލިބުމުން ދައުވާއަށް ޖަވާބުދާރީވާން އެދޭކަމަށެވެ.

Advertisement

އެހެންނަމަވެސް ހެކިތައް ދައުލަތަށް ލިބޭ މިންވަރަކުން ދިފާއަށް ހިއްސާ ކުރަމުންދާ ކަމަށާއި، ދައުވާއަށް ޖަވާބުދާރީވުން މިހާރުވެސް ކުރިއަށް ގެންދެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތަށް މިހާތަނަށް ލިިބިފައިވާ ލިއެކިއުންތައް ދިފާއަށް ހިއްސާ ކުރެވިފައިވާކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް ދިފާއުން ލިއެކިއުންތައް ދިރާސާ ކުރަން ބޭނުންވާތީ ވަގުތު ދެވިފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ އަބްދުލްވާހިދު ރިފާސް ބުނީ، އޭނާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން ވަކީލާ  މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި، އެ ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމެވެ. އެ އަޑުއެހުމުގެ ކުރިން ބާކީ ހުރި ލިއެކިއުންތައް ފޯރުކޮށްދިނުމަށް ދިފާއީ ވަކީލު އެދިލެއްވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް