ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައި ފްރާންސްގެ ފޯވަޑް ކީލިއަމް އެމްބާޕޭ ޔޫރަޕިއަން ސުޕަކަޕް ކާމިޔާބުކޮށްފި އެވެ.
ޔޫރަޕުގެ އެންމެ ބޮޑު ދެ ކުލަބު މުބާރާތުގެ ޗެމްޕިއަނުން ކުޅުނު ފައިނަލް މެޗުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އިޓަލީގެ އެޓްލާންޓާ އަތުން ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މޮޅުވީ 2-0 ނެވެ. ފުރަތަމަ ލަނޑު ޖެހީ ވަލްވާޑޭ އެވެ. ދެ ވަނަ ލަނޑު ޖެހީ އެމްބާޕޭ އެވެ. މިއީ ފްރާންސްގެ ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެކުލަބު ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ރެއާލްއާ ގުޅުނު ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
ފުރަތަމަ 11 ގައި ކުޅެން ނުކުމެ އެމްބާޕޭ ވަނީ މި މެޗުގައި 80 މިނިޓްގައި ކުޅެފަ އެވެ. އޭނާ ބަދަލުކުރީ ފަހު 10 މިނިޓްގައި ބްރެހަމް ޑިއާޒް ކުޅެން ނެރެމުންނެވެ. މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން ވަނީ ސުޕަ ކަޕް ހަ ވަނަ ފަހަރަށް ކާމިޔާބުވުމުގެ އުފަލުގައި ޖާޒީގައި 6 ޖަހައިގެން އުފާފާޅުކޮށްފަ އެވެ. މި ތައްޓަކީ ރެއާލްގެ ކެޕްޓަންގެ ހައިސިއްޔަތުން ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް އުފުލާލި ފުރަތަމަ ތައްޓެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމެވެ. މެޗަށް ފަހު އޭނާ ވަނީ އެމްބާޕޭ އަށް ތައުރީފްކޮށްފަ އެވެ.
އޭނާ އަކީ ވަރަށް ރަނގަޅު ޓީމް މޭޓެއް. ވަރަށް މަސައްކަތް ކުރި މި މެޗުގައި. ވަރަށް ޓެކްނިކަލް ހުނަރުހުރި މޮޅު ކުޅުންތެރިއެއް އޭނާ އަކީ. މި މެޗުގައި އޭނާ މަސައްކަތް ކުރީ ކުއްތާއެއް ފަދައިން. ވަރަށް މޮޅު.އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް
ޔޫރޯ އަށް ފަހު މަހެއް ފުރިހަމަނުވަނީސް ޓީމާ ގުޅި މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ކުޅުނު ބެލިންހަމް ބުނީ ކޯޗު އޭނާ އަށް އިތުބާރުކޮށް، ފްރީ ރޯލެއް ދޭތީވެ ޝުކުރު އަދާކުރާ ކަމަށެވެ.
އަހަރެން ބޭނުމިއްޔާ ކުރިއަށް ދެވިދާނެ. ކޯޗު އަހަރެންނަށް ދެނީ ވަރަށް ހިތްހަމަޖެހޭ ރޯލެއް. އަހަރެންނަށް އެވަރުގެ އިތުބާރެއް ކުރާތީވެ ވަރަށް އުފާވޭ.އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް
މެޗަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ މިއީ އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް މުޅި ޓީމާއި އެމްބާޕޭ ދެއްކި ކުޅުން ވެސް ރަނގަޅު ކަމަށެވެ.
އަހަރުމެންގެ ފުރަތަމަ މެޗު މިއީ ސީޒަނުގެ. ވަރަށް ހިތްހަމަޖެހޭ ކުޅުމާމެދު. އެމްބާޕޭ އޭނާގެ ފުރަތަމަ މެޗުގައި ވަރަށް މޮޅަށް ކުޅުނު. ހަމަ ޔަގީނުން ވެސް އަހަރުމެން ޓީމުގައި ވަރަށް ތަފާތު ގިނަ ހުނަރު އެބަހުރި. މި ހުނަރުތައް އެކުގައި ކުޅެވުމަކީ މާ ރަނގަޅު ކަމެއް.ކޯޗު ކާލޯ އެންޗެލޯޓީ
މިއީ މި މުބާރާތް އެންޗެލޯޓީ ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ. އޭނާ ވަނީ އިޓަލީގެ އޭސީ މިލާނުގައި ކުޅުންތެރިއެއްގެ ގޮތުން ދެ ފަހަރު، ކޯޗެއްގެ ގޮތުގައި އެއް ފަހަރު އަދި ރެއާލްގައި ދެ ފަހަރު މި ތަށި ކާމިޔާބުކޮށްފަ އެވެ.