Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 18:23
ކެލާގެ ރަށު ތެރެއިން ފެން ހިންދުމަށް ކޯރުކަނޑަނީ
ކެލާގެ ރަށު ތެރެއިން ފެން ހިންދުމަށް ކޯރުކަނޑަނީ
ކޭލާ ކައުންސިލް
ވިއްސާރާގައި ކެލާއަށް ގެއްލުންވުން
ވިއްސާރާއާއެކު ކެލާއަށް ބޮޑެތި ގެއްލުންތަކެއް، 35 ގެއަކަށް ފެނުގެ އަސަރުކޮށްފައިވޭ: ކައުންސިލް
ދެ ގެއަކުން މީހުން ބަދަލުކޮށްފައިވޭ
5 ގެއެއްގެ ނަރުދަމާ މައްސަލަޖެހި، ނަޖިސް ފެން ބޭރުވެފައިވޭ
12 ގޭބިސީއެއްގެ ފަރުނީޗަރު ހަލާކުވެފައިވޭ، ގެއްލުމުގެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ.ކެލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނު އެއްރަށަކީ ކެލާއެވެ. އެގޮތުން ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ތެރޭގައި ކެލާއަށް 231.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

Advertisement

ރާއްޖެއެމްވީއަށް ކެލާގެ ނައިބު ރައީސް އަބްދުﷲ ސާޖިދު ވިދާޅުވީ އަންގާރަ ދުވަހު އެރަށަށް ވަރަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ލިބުނު ގެއްލުންތަކަށް އިޝާރާތް ކުރައްވައި ސާޖިދު ވިދާޅުވީ 12 ގޭބިސީއެއްގެ ފަރުނީޗަރު ހަލާކުވެފައިވާ ކަމަށާއި، ގާތްގަނޑަކަށް 35 ގެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. ގޭބިސީތަކުގެ އިލެކްޓްރޯނިކްސް ސާމާނަށް ގެއްލުން ނުލިބުނު ނަމަވެސް ސްކޫލުގެ ކޮންޕިއުޓަރ ލެބްއަށް ގެއްލުން ލިބި، ބައެއް އިލެކްޓްރޯނިކްސް ސާމާނު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެލާ ސްކޫލުގެ ކޮންޕިއުޓަރ ލެބަށް ފެން ވަދެފައި

ސާޖިދު ވިދާޅުވީ ރަށުގެ ބައެއް ހިސާބުތައް އޮންނަނީ އަޑިކޮށް ކަމަށާއި، އެހެންކަމުން ވާރޭ ވެހޭނަމަ ބައެއް ހިސާބުތައް އަބަދުވެސް ފެން ބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ 24 ގަޑިއިރު ނުހުއްޓި ވާރޭ ވެހުނު ކަމަށާއި، 2 ގެއަކުން މީހުން އެހެން ގެތަކަށް ބަދަލުކުރި ކަމަށެވެ. އެމީހުންގެ ކެއުމާއި، ބުއިން ހަމަޖައްސާދީފައިވާ ކަމަށާއި، ކޮޓަރީގެ ކުލި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާޖިދު ވިދާޅުވީ 5 ގޭބިސީއެއްގެ ނަރުދަމާ މައްސަލަ ޖެހި، ނަޖިސް ފެން ބޭރުވެފައިވާ ކަމަށެވެ.

ކެލާގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވަނީ ކޯރުކަނޑައިގެންނާއި، ޕަންޕު ގުޅައިގެންނެވެ. މި މަސައްކަތުގައި އާއްމު ރައްޔިތުންގެ އިތުރުން އެރަށުގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ފުލުހުން އަދި އެމްއެންޑީއެފްއިން ހަރަކާތްތެރިވެފައިވެއެވެ. އެމްއެންޑީއެފްގެ އެހީތެރިކަން އަންގާރަ ދުވަހުގެ ރޭ 8:00 ހާއިރު ލިިބުނުއިރު، ރަށް އާއްމު ހާލަތަށް ބުދަ ދުވަހުގެ ހެނދުނު ގެނެވިފައިވާ ކަމަށް ސާޖިދު ވިދާޅުވިއެވެ.

ކެލާގެ މަގެއް ފެން ބޮޑުވެފައި

ކެލާއަކީ ދަނޑުވެރިކަން ކުރާ ރަށެއްކަން ފާހަގަކުރައްވައި ސާޖިދު ވިދާޅުވީ ބައެއް ދަނޑުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މިރުސް ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ދަނޑުވެރިންނަށް ލިބުނު ޖުމްލަ ގެއްލުމުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ތަފްސީލު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާޖީދު ވިދާޅުވީ ބުދަ ދުވަހު ގޭތަކަށް ޒިޔާރަތްކޮށް، ލިބިފައިވާ ގެއްލުން ވަޒަންކޮށް ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެރިޕޯޓު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ފޮނުވައި، ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކެލާގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް