Advertisement
ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 19:10
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުން
ޕީއެންސީގެ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލިސް
ފްލެޓާއި ގޯތި
ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރު މެމްބަރުން ނުކުމެ އެކަން ދިފާއުކުރައްވައިފި
ތަކުރާރުކޮށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ގޯއްޗާއި ފްލެޓް ދޭނެތޯ ނުވަތަ ނޫންތޯ ސުވާލުކުރާތީ އެކަމާއި މެދު ރައީސް ވަނީ ނުރުހުން ފާޅުކުރައްވާފަ
ފްލެޓާއި ގޯތި ދިނުމުގެ މަރުހަލާ އަކީ ޚިޔާނާތެއްގެ ގޮތުގައި ސަރުކާރު މެމްބަރުން ވަނީ ސިފަކޮށްފަ
ގޯއްޗާއި ފްލެޓް ދިނުމުގެ މަރުހަލާ އަވަސްކުރަން ސަރުކާރުން ކުރާ ކަމެއް މެމްބަރުންނަށް ބުނެދެވިފައެއް ނުވޭ

ކުރީ ސަރުކާރުން ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓް ނުދެވި ލަސްވާތީ އާއްމުންގެ ފާޑުކިޔުން ސަރުކާރަށް އިންތިހާއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ނުކުމެ އެކަން ދިފާއުކުރައްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރުން ވަނީ އެ ފްލެޓްތަކާއި ގޯތި ނުދެވި ވަނީ ނިމިދިޔަ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް ބުނެފައެވެ. އަދި ފްލެޓާއި ގޯތި ދިނުމުގެ މަރުހަލާ އަކީ ޚިޔާނާތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ނިމިދިޔަ ސަރުކާރުން ގޯތިތަކެއް ދިން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ކަރުދާސްގަނޑެއްގައި ގޯތި ދިންކަމަށް ބުނެ ލިޔެފައި ރައްޔިތުންނަށް ދިނުމަކީ ގޯތި ދިނުން ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލެ ފަދަ ތަނަކުން ގޯތި ދިނުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެތަނަކީ ބިމުގެ އަގު ބޮޑު ތަނެއް ކަމަށް ފަލާހު ވިދާޅުވިއެވެ. ހުޅުމާލެ އިން ދިން ފްލެޓްގެ އަގު އެތައް 5.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ސިފަކުރައްވާ ފަލާހު ވަނީ މިއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕުން ކުއްލި ގޮތަކަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމަކީ ހޯމަ ދުވަހު މަޖިލީހުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރ ހައިދަރު ވިދާޅުވުމާއި، ބޯހިޔާވަހިކަމުގެ މައްސަލަ އާއި މެދު މިނިސްޓަރ ދެއްކެވި ވާހަކަތަކާއި މެދު އާއްމުން ނުރުހުންވެފައިވާ ދަނޑިވަޅެއްގައެވެ. އާއްމުން ދަނީ ހައިދަރުގެ އިސްތިޢުފާއަށް ގޮވާލަމުންނެވެ. އަދި މި މައްސަލައިގައި ޢަމަލުކުރާ ގޮތުން ސަރުކާރަށް އިތުބާރު ނެތް ކަމަށް ވެސް ބައެއް އާއްމުން ދަނީ ބުނަމުންނެވެ.

Advertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ހަގީގަތް ހާމަކުރުމަށް ކަމަށް ވިދާޅުވެފައެވެ. އެފަދައިން ވިދާޅުވެ ޝުޖާއު ވަނީ ފްލެޓާއި ގޯތި ނުދެވި ވަނީ މި ސަރުކާރުގެ މައްސަލައަކުން ނޫންކަމަށް ސިފަކުރެވޭ ގޮތަށް ވާހަކަދައްކަވާފައެވެ. ޝުޖާއުގެ ވާހަކައިގައި ގޯއްޗާއި ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު ސުވާލު އުފައްދަވާފައެވެ. އަދި އެކަން ކުރި ނިޔަތާއި މެދުގައި ވެސް ސުވާލު އުފެއްދެވިއެވެ. ގޯތި ދިނުމުގައި ކައުންސިލްގެ ދައުރެއް އޮންނަން ވާނެ ކަމަށާއި ދިމިދިޔަ ސަރުކާރުން އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝުޖާއު ވަނީ ވިދާޅުވެފައެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ކުރިއަށް ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގޯއްޗާއި ފްލެޓް ދިނުމުގެ މަރުހަލާ އަވަސްކުރަން ސަރުކާރުން ކުރާ ކަމެއް މެމްބަރުންނަށް ބުނެދެވިފައެއް ނުވެއެވެ. މިހާރު އޮތް ލިސްޓާއި އެއްގޮތަށް ފްލެޓްތައް ނުދެވޭނެ ކަަމަށް ދޭހަވާ މޭރުމަކުން މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ.

ސަރުކާރާއި، ވަޒީރުން އަދި މެމްބަރުން ގޯއްޗާއި ފްލެޓް ނުދެވޭ މައްސަލައިގައި މި މޭރުމުން ވާހަކަދައްކަވާ އިރު މީގެ ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓާއި ގޯތި ކުރީ ސަރުކާރުން ދިން ތަނަކުން ދިން ގޮތަކަށް ދިން މިންވަރަކަށް ދެއްވާނެ ކަމަށެވެ. އަދި ނޫސްވެެރިން އެކަމާއި މެދު ތަކުރާރުކޮށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސުވާލުކުރާތީ އެކަމާއި މެދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް