ފީފާއިން އެކުލަވާލާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނުމަށް ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށްވާ އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އާއި އަހުމަދު ޝާހިރު އުޒުރުވެރިވެއްޖެ އެވެ.
ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ދެ މެޗު ކަމިޝަނަރުންގެ ތެރޭގައި ހިމެނޭ މި ދެ ބޭފުޅުންގެ ތެރެއިން ޝާހިރަކީ 2008 ވަނަ އަހަރު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ފީފާއިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ ޗެއާމަނެވެ. އައްޑޯ އަކީ އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އެވެ. ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި މި ދެ ބޭފުޅުން އުޒުރުވެރިވީ ދެ ސަބަބަކާހުރެ ކަމަށް އޭއެފްސީއާ ގުޅުން އޮތް ބޭފަޅަކު ކަށަވަރުކޮށްދެއްވި އެވެ. އެއީ މައްސަލަޖެހިގެން ދެ ފަހަރު މަތިން ކެންސަލްކުރި އެފްްއޭއެމުގެ އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯގައި ހިމެނިފައިވުމާއި މެޗު ކަމިޝަނަރުންގެ ގޮތުގައި އޭއެފްސީގެ މުހިންމު އެޕޮއިންޓްމަންޓްތަކެއް ހުރުމެވެ.
މި ކޮމިޓީގައި ހިމެނުމަށް ފީފާ އަދި އޭއެފްސީ އަށް ރާއްޖޭގެ 30ވުރެ ގިނަ ބޭފުޅުންގެ ނަންތައްް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ ދާއިރާ އާއި ހިންގުމުގެ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުންނާއި ކޯޗުން ވެސް ހިމެނެ އެވެ. މި ކޮމިޓީގައި ހިމަނަން ބޭނުންފުޅުވާ މީހުންނާ ފީފާއިން މިހާރު ވަނީ އިންޓަވިއުކޮށްފަ އެވެ. އަދި ކޮމިޓީގެ މެމްބަރުންނަށް 4000 ޑޮލަރާއި 6000ޑޮލަރާ ދެމެދުގެ މުސާރައެއްދޭނެ އެވެ.
އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ އިންތިހާބު ބޭއްވުމުގައި ހުރި ހިލާފުތަކާހުރެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވުމާއި، ކޮރަޕްޝަނުގެ މައްސަލަތަކާހުރެ އެވެ. މިކަމުގެ ތެރޭގައި ބައްސާމް ވެސް ވަނީ ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.