ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 16:15
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އުފާފާޅުކުރުން
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އުފާފާޅުކުރުން
އޭޕީ
ހަސީނާގެ ވެރިކަން ނިމުން
ޝޭހް ހަސީނާގެ ވެރިކަން ވައްޓާލީ އެމެރިކާ އަޑީގައި އޮވެގެން ކަމަށް އޭނާ ވިދާޅުވެއްޖެ
ހަސީނާ ވިދާޅުވީ، ސެއިން މާޓިން އައިލެންޑް އެމެރިކާ އަށް ދިން ނަމަ ވެރިކަމުގައި ހުންނެވުނީސް ކަމަށް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވުމުގެ ސަބަބުން، އިސްތިއުފާ ދެއްވާ، އިންޑިއާ އަށް ވަޑައިގެންނެވި ފަހުން އޭނާގެ ވެރިކަން ވެއްޓުނު ގޮތާބެހޭ ގޮތުން މީޑިއާ އަށް އެއްޗެއް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

ހަސީނާގެ އަރިސް ފަރާތެއް މެދުވެރިކުރައްވާ އިންޑިއާގެ ނޫހެއް ކަމަށްވާ އިކޮނޮމިކް ޓައިމްސް އަށް ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވަނީ އެމެރިކާ އިން އޭނާ އާ މެދު ހިތްހަމަ ނުޖެހުނީ ބޭ އޮފް ބެންގޯލްގައި އޮންނަ ބަންގްލަދޭޝްގެ ރަށެއް ކަމަށްވާ ސެއިން މާޓިން އައިލެންޑް އެމެރިކާ އަށް ދިނުމަށް އޭނާ އިންކާރު ކުރެއްވުމުން ކަމުގައެވެ.

"ސެއިން މާޓިން އައިލެންޑް އެމެރިކާ އަށް ދިން ނަމަ މަގާމުގައި ހުރެވުނީސް،" ހަސީނާ ވިދާޅުވި ކަމަށް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.

ހަސީނާ ވިދާޅުވީ އޭނާ އާ ދެކޮޅަށް މުޒާހަރާތައް ފެށުމުގެ ކުރިންވެސް ބަންގްލަދޭޝްގެ ޕާލިމެންޓަށް އޭނާގެ ވެރިކަން ބަދަލުކުރަން އެމެރިކާ އިން ރާވަމުންދާ ކަމުގެ މައުލޫމާތު ވާނީ ހިއްސާ ކުރައްވާފައެވެ.

ހަސީނާގެ މެސެޖްގައި އޭނާ ގައުމު ދޫކުރައްވާ ވަޑައިގަތުމަށް ނިންމެވީ، މަގާމުގައި ދެމި ހުންނަވައިފިނަމަ އިތުރު ފުރާނަތައް ގެއްލި އިތުރު ވަސީލަތްތައް ހަލާކުވެގެން ދާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. އެ ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށްވެސް ހަސީނާ ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް ފެށި މުޒާހަރާތަކާ ގުޅިގެންނާއި އަދި އޭނާ އިސްތިއުފާ ދެއްވި ފަހުން ހިނގި ހަމަނުޖެހުންތަކުގައި 500ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

ހަސީނާގެ މެސެޖްގައި ވިދާޅުވީ ބަންގްލަދޭޝްގެ ކުރިމަގަށް ހެޔޮ ގޮތް އޭނާ އެދިވަޑައިގަންނަވާ ކަމަށާއި، ގައުމަށް އެނބުރި ވަޑައިގަންނަވާނޭ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެނބުރި ދާނަން،" ހަސީނާ ވިދާޅުވި ކަމަށް އިކޮނޮމިކް ޓައިމްސް ގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް