Advertisement
ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 13:02
"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
މަގުމަތީގެ ރައްކާތެރިކަން
މަގުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނަށް އަންނަ ބަދަލަށް ނުބަލާ، ޕްލޭން ނުކޮށް މަގުހެދުން - ނައިބު ރައީސް
ހުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވަޢިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި
އެ މައްސަލަ ހައްލުކުރުމަށް ޙިކުމަތްތެރިކަމާއި އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި

މަގުތަކުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުމަކީ ޒަމާނަށް އަންނަ ބަދަލަށް ނުބަލާ، އެކަށީގެންވާ މިންވަރަށް ޕްލޭން ނުކޮށް ރަށްރަށުގެ މަގުތައް ހެދެމުން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ "ރައްކާ" ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައްސިޓީގެ ފުވައްމުލަކު ސްކޫލުގައި ބޭއްވި ހަފުލާ ޝަރަފުވެރިކުރައްވާ ވާހަކަދައްކަވަމުންނެވެ.

Advertisement

މިހާރު މަގުތައް ތޮއްޖެހި، ތަޢައްޔަރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ އެކްސިޑެންޓްތައް އިތުރުވެފައިވާ ކަމަށާއި ޚާއްސަ ގޮތެއްގައި މާލޭގެ މަގުތައް ހުރީ ދުއްވަން ދަތި ހިނގާ ބިނގާ އުޅެން ދަތި ގޮތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކުރުމަށް ޙިކުމަތްތެރިކަމާއި އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މަގުމައްޗަކީ އާއިލާތަކަށް ރައްކާތެރިތަނަކަށް ވާން ޖެހޭ ކަމަށާއި އެކަމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން ދަނީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމަތީގައި ހިނގާ އަޚުލާގީ ގޮތުން ދަށް ކަންކަން ހުއްޓުވަން ވެސް ކުރު ރާސްތާ އަދި ދިގު ރާސްތާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނަށް ހިތްފަސޭހަ މަގުތަކެއް ހޯއްދަވާދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ފެށެނީ އާއްމު ފަރުދުންނާއި ހިސާބުން. ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބާރަށް ނުދުއްވުމާއި، އޯވަރޓޭކްކުރާ އިރު ކުރަން ޖެހޭ ފަޅިން ކުރުމާއި، މަގު ހުރަސްކުރާ މީހުންނަށް ތަން ދިނުމަކީ މުހިންމުކަމެއް. ދުއްވާއެއްޗެއްސަށް ސަމާލުކަން ދީގެން އުޅުން އެއީ ކުރަން ޖެހޭ ކަމެއް. މަގުމަތި ރައްކާތެރި ކުރެވޭނީ މިކަންކަމަށް ބޯލަނބައިގެން. ފަރުދީ ޒިންމާއަކަށް މިކަން ހެދުމަށް އިލްތިމާސްކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު

މީގެ އިތުރުން ހުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމުކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ފޭރާން ހެޔޮ މުޖުތަމައު އެއް ބިނާ ކުރެވޭނީ އެކަންކަމަށް ދަރިވަރުން އަހުލުވެރިވެގެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ރައްކާ" އަކީ 2014 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގަމުން ދާ ޕްރޮގްރާމެއް ކަމަށް ވާއިރު މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. ރައްކާ ރޯޑް ޝޯވ 2024 ކުރިޔަށްގެންދަނީ ފުވައްމުލައްސިޓީގައެވެ. މި ޕްރޮގްރާމް ފުވައްމުލަކުގައި ކުރިޔަށްގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މި އޮގަސްޓް މަހުގެ 03 އިން 08 އަށް ކުރިއަށް ގެންގޮސްފައި ވަނީ ސަތޭކަ ވަނަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެވެ.

ޕްރޮގްރާމުގެ ދެވަނަ ބައިގައި ހިމެނޭ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10އިން 17 އަށެވެ. ހޮނިހިރު ދުވަހުގެރޭގެ ހަފުލާގައި، ރައްކާ ކުރިޔަށްގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް