ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 09:32
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހަޔާ
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހަޔާ
ޑެއިލީ މެއިލް
ޑޭވިޑް ޑެހެޔާ
ޑެހެޔާ ނުކުޅެނީތަ؟ ކުޅޭނެ ކުލަބެއް ނުވަނީތަ؟
ސްޕޭނުގެ ގައުމީ ކީޕަރުކަން ވެސް ކުރި ޑެހެޔާ އަކީ މޮޅު ކީޕަރެކެވެ. ނަމަވެސް އޭނާ ޔުނައިޓެޑް ދޫކޮށްލަން ޖެހުނީ ކޯޗު އެރިކް ޓެންހަގަށް އޭނާގެ ބައެއް ޓެކްނިކްތައް ކަމުނުދިއުމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަކިވި ސްޕޭންގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ނުކުޅެ ހުންނަތާ މިހާރު އަހަރެއްވެއްޖެ އެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން އޭނާ ޔުނައިޓެޑް ދޫކޮށްލީ އެ ކުލަބަށް 12 އަހަރު ކުޅެދީފަ އެވެ. އޭގެ ފަހުން އޭނާ ލައްވައި ކުޅުވަން ބައެއް ކުލަބުތަކުން ހުށަހެޅި ނަމަވެސް އެއްވެސް ޓީމަކުން ޑެހެޔާ ނުފެނުނީ ކީއްވެ ހެއްޔެވެ؟

ސްޕޭނުގެ ގައުމީ ކީޕަރުކަން ވެސް ކުރި ޑެހެޔާ އަކީ މޮޅު ކީޕަރެކެވެ. ނަމަވެސް އޭނާ ޔުނައިޓެޑް ދޫކޮށްލަން ޖެހުނީ ކޯޗު އެރިކް ޓެންހަގަށް އޭނާގެ ބައެއް ޓެކްނިކްތައް ކަމުނުދިއުމުންނެވެ. އެއަށްފަހު އޭނާގެ އެހީ އަށް އިނގިރޭސި ޕްރެމިއާ ލީގުގެ މެދުފަންތީގެ ޓީމުތަކުންނާއި އިޓާލިއަން ލީގާއި ސްޕެނިޝް ލީގު އަދި އެމެރިކާ އާއި ސައޫދީ ލީގުގެ ޓީމުތަކުން ވެސް ވަނީ ހުށަހަޅާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑެހެޔާއަށް އެއްވެސް ކުލަބަކާއެކު އެއްބަސްވުމަކަށް ނާދެވިފައިވަނީ މުސާރައިގެ މައްސަލާގަ އެވެ. އޭނާ ބޭނުންވަނީ މަދުވެގެން އަހަރަކު ފަސް މިލިއަން ޕައުންޑް ލިބޭ ކޮންޓްރެކްޓެކެވެ. މީގެ މާނައަކީ ހަފުތާއަކު މަދުވެގެން 80000 ޕައުންޑް މުސާރައިގެ ގޮތުގައި އޭނާ ބޭނުންވުމެވެ. ނަމަވެސް މި އަގުދޭނެ ކުލަބެއް ވަނީ ނުވެފަ އެވެ.

ޑޭވިޑް ޑެހެޔާ - ގެޓީ އިމޭޖަސް

ޑެހެޔާ ޔުނައިޓެޑަށް ކުޅުނީ ހަފުތާއަކު 375000 ޕައުންޑްގެ މުސާރައަކަށެވެ. ޔުނައިޓެޑްގައި 545 މެޗު އޭނާ ކުޅެފައިވާއިރު 190 މެޗެއްގައި ވަނީ ބައިކޮޅަށް ގޯލެއް ނުވައްދައި ހިފަހައްޓާލައިފަ އެވެ. އޭނާގެ ޔުނައިޓެޑްގައި ހުއްޓައި ރެއާލް މެޑްރިޑުން ވެސް ގަންނަން މަސައްކަތް ކުރި އެވެ. އެ ފަހަރު ޑެހެޔާ އަށް ރެއާލް އަށް ނުދެވުނީ ޓްރާންސްފާ ޕީރިއަޑްގެ މުއްދަތު ހަމަވިއިރު ޔުނައިޓެޑުން ލިޔެކިއުންތައް ފޮނުވުން ސިކުންތުކޮޅަކަށް ލަސްވުމުންނެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ބުނާ ގޮތުން އެގައުމުގެ ފިއޮރެންޓީނާއިން ދަނީ ކުރިއަށް އޮތް ސީޒަނުގައި ޑެހެޔާ ލައްވައި ކުޅުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ ކިހާވަރެއްގެ މުސާރައަކަށް ކަމެއް ޔަގީނެއްނުވެ އެވެ. ގިނަ މީޑިއާތަކުން ބުނަނީ އިޓަލީގެ ކުލަބުތަކުން ޑެހެޔާ އަށް ހުށަހަޅަނީ އަހަރަކު ހަތަރު މިލިއަން ޕައުންޑްގެ މުސާރައެކެވެ. އެކަމަކު ސްޕޭނާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުލަބަކުން އޭނާ އެދޭ ފަދަ އަގަކާއެކު ފުރުސަތުދޭނަމަ ޑެހެޔާ އިސްކަންދޭނީ އެ ބަޔަކަށެވެ.

- ކޮމެންޓް