ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 21:57
ޑޭވިޑެ ޑެހެއާ
ޑޭވިޑެ ޑެހެއާ
ގޫގުލް
ޑޭވިޑެ ޑެހެއާ
12 އަހަރަށްފަހު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ޑެހެއާ ނިންމައިފި
މިދިޔަ ޖޫން މަހު ޑެހެއާގެ އެއްބަސްވުން ވަނީ ހަމަވެފަ

މެންޗެސްޓަރ ޔުނައިޓެޑުގައި 12 އަހަރު ދުވަސް ހޭދަކުރުމަށްފަހު އެ ޓީމު ދޫކޮށްލަން ޑޭވިޑް ޑެހެއާ ނިންމައިފިއެވެ.

މިދިޔަ ޖޫން މަހު މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، އުމުރުން 32 އަހަރުގެ ކީޕަރު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އޭނާ ބުނީ މީ ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި 12 އަހަރު ހޭދަކުރިއިރު، ޑެހެއާ ވަނީ ޖުމްލަ 545 މެޗު ކުޅެދީފައެވެ. އޭނާ ވަނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ 190 މެޗު ނިންމާލާ، ކުލަބުގެ ރެކޯޑްވެސް ހަދާފައެވެ.

2011 ވަނަ އަހަރު ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ އެތުލެޓިކޯ މެޑްރިޑުން 18.9 ޕައުންޑަށެވެ. ޔުނައިޓެޑް ދޫކޮށްލާކަން ޑެހެއާ އިއުލާނު ކޮށްފައިވަނީ ކޯޗު އެރިކް ޓެން ހާގް، އިންޓަ މިލާންގެ ކީޕަރު އަންޑްރޭ އޮނާނާ ހޯދުމަށް މަސައްކަތްކުރި ދަނޑިވަޅެއްގައެވެ.

ޑެހެއާގެ ވަދާއީ މެސެޖުގައި އޭނާ ބުނެފައިވަނީ ފާގަސަން އޭނާ ގެނައިފަހުން ގިނަ ކާމިޔާބީތަކެއް ލިބުނުކަމަށެވެ. އަދި ކޮންމެ މެޗަކަށް އޭނާ މެންޗެސްޓަރ ޔުނައިޓެޑުގެ ޖާޒީ ލަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށެވެ.

ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ހޯދުމަށް މަސައްކަތްކުރާ ޑެހެއާ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއެކު ޕްރިމިއަރ ލީގު، އެފްއޭ ކަޕު، ޔުރޮޕާ ލީގު އަދި ލީގު ކަޕު ދެފަހަރު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު، އަދި ނިމުނު ސީޒަން ހިމެނޭހެން ޕްރިމިއަރ ލީގުގެ މޮޅު ކީޕަރުގެ އެވޯޑް ދެ ފަހަރު ހޯދާފައެވެ. ނިމުނު ސީޒަނުގައި އޭނާ ވަނީ ލީގުގެ 17 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައެވެ.

ހޮނިހިރު ދުވަހު ޑެހެއާ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާކަން އިއުލާނު ކޮށްފައިވީނަމަވެސް، އޭނާ ދެން ގުޅޭނީ ކޮން ޓީމަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް