ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތަކަށް 180 ޑިގްރީއަށް ބަދަލު އައިސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފް ޖަލްސާގައި ޔާމީން ވަނީ ރައީސް މުއިއްޒަށާއި، ސަރުކާރުގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް މި ސަރުކާރުގައި ދޭނެ ޖަވާބެއް ނެތް ކަމަށެވެ.
ރައީސް މުއިއްޒު އިންތިޚާބުތަކަށް ކުރިމަތިލައްވާގެން އުޅުއްވިއިރުގައި ދެއްކެވި ވާހަކަތައް. އެވާހަކަތަކަށް 180 ޑިގްރީގެ ބަދަލެއް އައީމަ އަދި ނޫ ޖަގަހާގެ ތެރޭގައި ދައްކާ ވާހަކައަކުން އެއަށް ބަދަލު އައި ގޮތެއް ބުނެއެއް ނުދެވޭ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި އޮންނަނީ އިޖްތިމާއީ އެއްބަސްވުމެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެއީ ރިޔާސީ ކެންޑިޑޭޓު އާއްމުކުރާ މެނިފެސްޓޯ ކަމަށެވެ. ރައީސް މުއިއްޒު ވެސް އިންތިޚާބަށް ނުކުންނެވީ މެނިފެސްޓޯއާއެކު ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ ވޯޓު ހޯދާފައިވަނީ އެ މެނިފެސްޓޯ ވިއްކާގެން ކަމަށާއި، އެއަށް ރައްޔިތުން ޝައުގުވެރިކޮށްގެން ކަމަށެވެ.
މެނިފެސްޓޯގެ ބޭރުން ދެން އަންނަ އަނެއް ބަޔަކީ ހަމަ މެނިފެސްޓޯގެ ބަޔަކަށް މިވަނީ އެއީ އިންތިޚާބުގެ ތެރޭގައި އެކި ރަށްރަށުގައި އެކި ހަފްލާތަކުގައި މުޅި ގައުމާ މުޚާތަބުކޮށް ދައްކާ ވާހަކައިގައި ރިޔާސީ ކެންޑިޑޭޓަކު ވާ ވައުދުތައް އެނގޭތޯ. އެވެސް މިވަނީ މެނިފެސްޓޯގެ ބަޔަކަށް. އެހެންވީމަ ޗާޕުވެގެން ފުރަތަމަ ނުކުންނަ މެނިފެސްޓޯ މިހާރު ރައީސް މުއިއްޒު ހެއްދެވި ގޮތަކީ ވައުދު ފޮތް ކިޔާފައި ވައުދުނާމާގެ ފޮތް ބައެއް ނެރުނީ އެނގޭތޯ. މިކަމުގެ އަލީގައި މެނިފެސްޓޯގައި އޮންނާނެ މައިގަނޑު ބައިތަކެއް. އެންމެ ބޮޑަށް ރައްޔިތުންނަށް ވިއްކީ ކޮންއެއްޗެއްތޯ އޭ. މި ހުރީ ރަނގަޅަށް ހިންގަން ބޭނުންވާ ގުޑް ގަވަރނަންސްގެ ތެރޭގައި ހުންނަންޖެހޭ އަދުލުވެރިކަމާ އިންސާފުވެރިކަން. މިއީ ވާނެ ކަމެއް ނޫން. އެންމެ ފުރަތަމަ ނުކުންނަ ކަމަކީ ޖުޑިޝަރީ އަދުލުވެރިހޭ އިންސާފުވެރިހޭ. ޖުޑިޝަރީގައި މައްސަލަ ހުރިހޭ ނެތް ހޭ. ޖުޑިޝަރީއަކީ ސިންގަލް އިންސްޓިއުޓެއް. ރައްޔިތުން އެކަމާ ދޭތެރޭގައި ސުވާލު އުފައްދާ އެނގޭތޯ. ޖުޑިޝަރީ ޖަވާބުދާރީ ކުރުވޭނެ ގޮތެއް ވެސް ނޯވޭ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީއެއް ވެއްޖެއްޔާ އައިޑޮލޮޖީއެއް ހުންނަން ޖެހޭ ކަމަށެވެ. ސަރުކާރުގެ މައި ޕާޓީ ޕީއެންސީގައި އައިޑޮލޮޖީއެއް އޮތް ކަމަށްވާނީ މެނިފެސްޓޯގައި ޗެކް މާކްގެ ގޮތުގައި 100 އިން 100 ލިބޭ ކަމަށްވާނަމަ ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ މަސްވެރިންނަށް ވީވައުދާ، އިންޑިއާ ސިފައިން ބޭލުމަށް ކުރި މަސައްކަތާއި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރި މަސައްކަތާ އަދިވެސް ރައީސް މުއިއްޒު މައިގަނޑު ގޮތެއްގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި އަމަލުކުރަމުންދާ ގޮތް މިނެކިރާނީ ރައްޔިތުން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިޚާބު ތެރޭގައި ދައްކެވި ވާހަކަފުޅުތަކަށް 180 ޑިގްރީގެ ބަދަލެއް އައިސްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.