ކ. މާލެ
|
9 އޯގަސްޓް 2024 | ހުކުރު 11:35
ޝަހީދުކޮށްލާފައިވާ މީހެއް ކައިރީގައި ފަލަސްތީނު މީހުން ހިތާމަކުރަނީ
ޝަހީދުކޮށްލާފައިވާ މީހެއް ކައިރީގައި ފަލަސްތީނު މީހުން ހިތާމަކުރަނީ
ރޮއިޓާސް
ފަލަސްތީން - އިސްރާއިލް ހަނގުރާމަ
އިޒްރޭލުން ގާޒާގެ ދެ ސްކޫލަކަށާއި ގެދޮރަށް ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކޮށްލައިފި
އިޒްރޭލުން ގާޒާ ގައި ހިންގާ ހަނގުރާމައިގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 39،699 ށް ވަނީ އަރާފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން އިޒްރޭލް ސިފައިން ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 56 މީހުން ޝަހީދު ކޮށްލައިފިއެވެ.

ވަފާ ނިއުސް އޭޖެންސީ އާ ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ގާޒާ ސިޓީ އާއި ޚާން ޔޫނިސް އަށް އިޒްރޭލް ސިފައިން ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި މަދުވެގެން 32 ފަލަސްތީން މީހުން ޝަހީދުވެފައިވެއެވެ.

އިޒްރޭލް ސިފައިން ވަނީ ގާޒާ މެދުތެރޭގައި ހުންނަ އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕަށާއި އަލް-ނުސީރަތް ރެފިއުޖީ ކޭމްޕް ސަރަހައްދަށް ހަމަލާ ދީފައެވެ. މި ދެ ރެފިއުޖީ ކޭމްޕަކީ ޒަމާނުއްސުރެ އެންމެ ގިނަ އަދަދަކަށް ފަލަސްތީންގެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕް ތަކެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ގާޒާ ސިޓީގެ އުތުރުގައި ހުރި ގެއަކަށް ބޮން އަޅާފައިވެއެވެ. އޭގެ އިތުރުން ޚާން ޔޫނިސްގެ ގެއަކަށްވެސް ވަނީ ބޮން އަޅާފައެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާތަކުގެ ތެރޭގައި ގާޒާ ސިޓީގެ މެދުތެރޭގައި ހުންނަ ދެ ސްކޫލަކަށް އެތައް ފަހަރަކު ބޮން އަޅާ 15 މީހުން ޝަހީދުވެ 30 މީހުން ޒަޚަމްވި ކަމަށް ފަލަސްތީންގެ ސިވިލް އިމަރޖެންސީ ސާވިސް އިން ނެރުނު ބަޔާނެއްގައި ފާހަގަ ކޮށްފައިވެއެވެ.

ދެކުނު ގާޒާގެ ޚާން ޔޫނިސް ގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީންގެ އާއިލާތައް އެމީހުންގެ ގެދޮރުން ނުކުމެ އެ ސަރަހައްދު ހުސްކޮށް ދިއުމަށް އިޒްރޭލުން ނެރުނު އަމުރާ ގުޅިގެން އާއިލާތަކުން ވަނީ ގޯތި ގެދޮރުން ނުކުމެ ދާން ފަށާފައެވެ.

އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދާން އަންގާފައިވަނީ އަލް-މަވާސީ ކޭމްޕަށެވެ. އަލް-މަވާސީ ކޭމްޕަކީ މީގެ ކުރިން އެތައް ނުރައްކާތެރި ހަމަލާ އެއް އިޒްރޭލް ސިފައިން ދީފައިވާ ތަނެކެވެ.

ފަލަސްތީންގެ ރައްޔިތުންނަށް އިންސާނީ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ވޯލްޑް ސެންޓްރަލް ކިޗަން ގައި މަސައްކަތް ކުރާ ފަލަސްތީން މުވައްޒަފަކަށް ދާރުލް ބަލާހް ގައި އިޒްރޭލް ސިފައިން ހަމަލާ ދީ މަރާލާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާ ތަކުގައި އޮކްޓޯބަރު 7 ގެ ފަހުން ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 39،699 ށް އަރާފައިވާއިރު، އެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 91،722 ށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް