އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝާތިރު ވިދާޅުވީ، ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީނަށް ޙުކުމް ކުރި ދުވަހު އެއީ ޙަރާމް ޙުކުމެއް ކަމަށާއި، ޙުކުމް ކުރެއްވި ފަނޑިޔާރުންވެސް ޖަަލަށް ލާނެކަމަށް ވިދާޅުވެ އަބްދުއްރަޙީމް އިންޒާރު ދެއްވި ކަމަށެވެ. އެ މަންޒަރުތައް މިހާރުވެސް ފެންނަން ހުންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް މަންޒަރު ބަދަލުވެ މިއަދު އަބްރުއްރަޙީމް ރައީސް ޔާމީނަށް "ވަގަށް ގޮވައިފި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ދުވަހު ޙަރާމް ޙުކުމެއްކަމަށް ބުނެ މި ރާއްޖޭގެ ފަނޑިޔާރުން ޖަލަށްލާން ތިމަންނާ ވެރިކަމަށް އައިސް ޖަލަށްލާނަމޭ ބުނި މިހާ ރޭގައި ބުނީ ރައީސް ޔާމީނަކީ ވަގެކޭ.ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން
ޝާތިރު ވިދާޅުވީ، މި ސަރުކާރުން އެ ދާއިރާގައި 30 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ވައުދުވެ މަޖިލިސް އިންތިޚާބުގައި އެ ވައުދު ވިއްކި ކަމަށެވެ. ނަމަވެސް ހުވާ ކުރި ދުވަހުގެ ޖެހިގެން އައި ދުވަހު މަޝްރޫއު ހިންގަން ގެންދިޔަ ތަކެތި ރަށުން ބޭލިކަން ފާހަގަ ކުރައްވައި އޭނާ ވަނީ ޅެންބަހުން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ދެފުއްކެހެރި ވައްތަރަކަށް އުޅޭ މީހުން އުޅުން ރީއްޗޭ،
ދެފުއް ދެފުށަށް ބަދަލުކޮށްލަން، ހަދާގޮތް މާ ބޮޑަށް ރިއްޗޭ،
ދެފުށުގާ ހޭކިފައި ހުރި ހަޑިތަކާ މިލަތަށް އެހެން ހުއްޓައި،
އެފުއް މިފުށަށް ފުރޮޅިލާފައި ދެފުއް ދޮވެލަން އެހާ ރީއްޗޭ،
އެފުއް މައްޗަށް އެހެން އޮވެގެން، ނުފޫޒާ ބާރު ބޭނުންކޮށް،
އެފުއްމިފުށަށް ޖަހާ ތައުބާވެލާ ގޮތްވެސް އެހާ ރީއްޗޭ،
އެފުށުގާ ހާމަ ކުލަ އުނގުޅާ، މިފުށުގާ ސިއްރު ކުލަ އުނގުޅާ,
ދެފުއް ދެފުށަށް ފުރޮޅިލާފާ ބަދަލުކޮށްލާ ގޮތް ވަކިން ރީއްޗޭ
އޭނާ ވަނީ ވަކިން ޚާއްސަކޮށް މަޝްރޫއުތަކާމެދު މި ސަރުކާރުން ކަން ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.