Advertisement
ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 13:23
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
ލާމަރުކަޒީ ނިޒާމް
ވެރިކަމުގެ ކޮންމެ މަރުހަލާ އެއްގައި ވެސް އެންމެ ބޮޑަށް ބޭނުން ވަނީ މާލީ ތަނަވަސްކަން - އާދަމް ޝަރީފް
އެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި
އާދަމް ޝަރީފް ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހިމެނޭހެން ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަން ކުޑަވުން ކަމަށް

ވެރިކަމުގެ ކޮންމެ މަރުހަލާ އެއްގައި ވެސް އަދި ޚިދުމަތެއް ދޭ އިރުވެސް އެންމެ ބޮޑަށް ބޭނުން ވަނީ މާލީ ތަނަވަސްކަން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

އާދަމް ޝަރީފް ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހިމެނޭހެން ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަން ކުޑަވުން ކަމަށެވެ. އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ބޭނުންވާ މިންވަރަށް ކައުންސިލްތައް ތަނަވަސްވުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީ ބަޖެޓުން ނޫން ގޮތަކަށް ކައުންސިލްތައް މެދުވެރިވެގެން މަޝްރޫޢުތައް ހިންގޭނެ ދުވަހެއް ދެކެވަޑައިގަންނަވަން އުންމީދުކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ފަރިތަކުރާތާ އަދި ވީ ކުޑަ ދުވަސްކޮޅެއް ކަމަށާއި މި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކަކީ ބޮޑެތި ބަދަލުތަކެއް ކަމަށާއި އެ ބަދަލުތައް ގެނައުމަށް ކުރަން ޖެހޭ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް އުފަލާއިއެކު ފާހަގަކުރަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން މި މައްސަލައިގައި ކުރަމުންދާ ދިރާސާ ވަނީ ނިމުމަކާއި ކައިރީގައި. މީގެ ޕްލިމިނަރީ ފައިންޑިންގސް ނުވަތަ އިސް ހިއްސާކުރުން އަންނަ ހަފްތާގައި ހިއްސާ ކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ އަޅުގަނޑަށް. އެ ހިސާބުން ފެށިގެން އަޅުގަނޑު ގަސްތުކުރަނީ ސިޔާސީ ޕާޓީތަކާއި އަމިއްލަ އެންޖީއޯ އަދި ކައުންސިލްތަކުގެ އިތުރުން އާއްމުންނަށް މަގުފަހިކޮށްދީގެން އެ ދިރާސާގައި ކަވަރ ކުރެވިފައިވާ ދައިރާތަކާއި ނުކުރެވޭ ދާއިރާތައް ވެސް ހިމަނައިގެން އެ ނިޒާމާއި މެދު މަޝްވަރާކުރަން.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު

މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މި މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން ތަމްސީލްކުރަން ގިނަ މީހުން ކައުންސިލްގައި ތިބެން ނުޖެހޭ ކަމަށާއި ކައުންސިލްގެ ސައިޒްކުޑަކުރަން ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުން ތިއްބެވުމުން ދައުލަތުގެ ބަޖެޓުން އެ ފަރާތްތަކަށް މުސާރަ ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަަމަށެވެ. އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ކައުންސިލްތައް ނުކަތާ މިންވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ ޚަރަދު ބޮޑު ނިޒާމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ރަށެއްގެ 300 މީހުން 500 މީހުންގެ ރަށެއްގައި 3 މީހުން 5 މީހުން ހޮވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް