Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 18:45
ހއ.ދިއްދޫ - މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ 22 މުވައްޒަފުން
ހއ.ދިއްދޫ - މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ 22 މުވައްޒަފުން
ސޯޝަލް މީޑިއާ
ފެނަކައިން މުވައްޒަފުން ކަނޑާލަން ނިންމުން
ކުއްލި ގޮތަކަށް ދިއްދޫ ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމައިފި
ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ 22 މުވައްޒަފުން
މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކުރަން ނިންމުމާ ގުޅިގެން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައިވޭ
މުވައްޒަފުން ކަނޑާލަނީ ހަރަދު ކުޑަ މޮޑެލްއަކަށް ޕްރޮޖެކްޓްތައް ބަދަލުކުރާތީ

ހއ. ދިއްދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް ދިއްދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ވަހީދު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކުރަން ނިންމުމާ ގުޅިގެން ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައިނުވެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ 22 މުވައްޒަފުންނެވެ. އޭގެ ތެރޭގައި 8 ސްކިލްޑް ލޭބަރ، 12 ލޭބަރ، އަދި 2 ސުޕަވައިޒަރުން ހިމެނެއެވެ.

ފެނަކައިން މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ ކުންފުނިން ހިންގަމުން އައި އިންހައުސް އިންޖީނު އަދި އޮފީސް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކަކީ ނުހަނު ހަރަދު ބޮޑުކޮށް ގެއްލުމުގައި ގެންގޮސްފައިވާ ޕްރޮޖެކްޓްތަކަކަށް ވުމާއެކު ހަރަދު ކުޑަ މޮޑެލްއަކަށް މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް މެނޭޖްމަންޓުން ނިންމާފައިވާތީ 31 އޮގަސްޓް 2024ން ފެށިގެން މި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޫކޮށްލާނެ ކަމަށެވެ. އަދި މިމެމޯ ފޮނުވާފައިވަނީ 6 އޮގަސްޓް 2024 ގައެވެ.

ފެނަކައިން ކުއްލި ގޮތަކަށް މުވައްޒަފުން ވަކިކުރަމުންދާއިރު، ސިޔާސީ ކަންކަމުގައި ސަރުކާރާ ދެކޮޅަށް ނުކުންނަ މީހުން ސަސްޕެންޑް ކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެކިއެކި ރަށްރަށުގެ ފެނަކަ ބްރާންޗްތަކުން ވަޒީފާތައް ދީފައިވެއެވެ. އެއީ އިންތިޚާބާ ގުޅިގެން ދޭ ވަޒީފާތަކެއް ކަމަށާއި، އިންތިޚާބުގެ ފަހުން ވަކިކުރާނެ ކަމަށް އެ ދުވަސްވަރު ބައެއް ސިޔާސީ ބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ. އަދި މިހާރު މިފެންނަނީ އެމަންޒަރު ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަޒީފާއިން މުވައްޒަފުން ވަކިކުރާ މައްސަލައާ ގުޅިގެން މީގެ ކުރިން ފެނަކައިން ބުނެފައިވަނީ ވަޒީފާއިން މުވައްޒަފުން ވަކިނުކުރާ ކަމަށާއި، ކޮންޓްރެކްޓް އައު ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަނުވާ މުވައްޒަފުން ވެސް ވަކިކޮށްފައިވާކަން، ރާއްޖެ އެމްވީއަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ވައުދުވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ މާ ގިނަ ދުވަހެއް ނުވަނީސް އެކި ރަށްރަށުގެ ފެނަކަ، ސްޓެލްކޯ އަދިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް