ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 01:27
މުޙައްމަދު ޔޫނުސް
މުޙައްމަދު ޔޫނުސް
ގެޓީ އިމޭޖަސް
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔަކަށް ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް
އުމުރުފުޅުން 83 އަހަރުގެ ޔޫނުސް އަކީ މައިކްރޯފައިނޭންސް ގެ ތަޖުރިބާކާރެކެވެ.
ޚަބަރުގެ އޯޑިއޯ

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔަކަށް ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އުމުރުފުޅުން 83 އަހަރުގެ މުހައްމަދު ޔޫނުސް ހަމަ ޖައްސައިފިއެވެ.

ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ޝޭޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގަތުމުން، ބަންގްލަދޭޝްގައި އެކުލަވާލާ ވަގުތީ ސަރުކާރުގެ ވެރިއަކަށް މުހައްމަދު ޔޫނުސް އެގައުމުގެ ރައީސް ހަމަ ޖެއްސެވިކަން ބުދަ ދުވަހު އިއުލާން ކުރެއްވީ ރައީސް މުހައްމަދު ޝަހާބުއްދީންގެ ޕްރެސް ސެކްރެޓަރީ ޖޮއިނާލް އާބިދީން އެވެ.

ޔޫނުސް އިސްވެ ހުންނަވާ އެކުލަވާލާ ސަރުކާރުގައި ދެން ހިމާނާނެ އިތުރު ފަރާތްތައް ސިޔާސީ ޕާޓީތަކާ އެހެން ސްޓޭކްހޯލްޑަރުންނާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު ނިންމާނޭ ކަމަށްވެސް އާބިދީން ވިދާޅުވިއެވެ.

ވަގުތީ ސަރުކާރުގެ ވެރިޔަކާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ރައީސް ވަނީ ޝޭހް ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ދަރިވަރުންގެ ލީޑަރުންނާއި، އަސްކަރިއްޔާގެ ވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ މަންދޫބުންނާއެކު ފަސް ގަޑީއިރުގެ މަޝްވަރާ ބައްދަލުވުމެއް އަންގާރަ ދުވަހު ބާއްވަވާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަގުތީ ސަރުކާރުގެ ވެރިޔަކަށް ޔޫނުސްގެ ނަންފުޅު ހުށަހެޅީ ދަރިވަރުންގެ ލީޑަރުން ކަމަށާއި، އޭނާ މަގާމު ގަބޫލު ކުރައްވާފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ގައުމަށް ވަޑައިގަންނަވާނޭ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުންގެ ލީޑަރުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ނޮބެލް އިނާމު މިހާތަނަށް ހާސިލް ކުރެއްވި ހަމައެކަނި ބަންގްލަދޭޝްގެ ރައްޔިތެއްގެ ގޮތުގައި ހުންނެވި މައިކްރޯފައިނޭންސްގެ ތަޖުރިބާކާރު މުހައްމަދު ޔޫނުސް ދިރިއުޅުއްވާނީ ފަރަންސޭސި ވިލާތުގައެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރިއަށް ދިޔަ މުޒާހަރާތަކުގައި ފުލުހުން ހިންގާފައިވާ ހަމަ ނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ފުލުހުންގެ ވެރިޔާ މަގާމުން ވަކި ކޮށްފައިވާ ކަމަށްވެސް ބަންގްލަދޭޝްގެ ރައީސް އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް