ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ އުތުރުގެ ސަރަހައްދަކަށް ޑްރޯން ހަމަލާ ތަކެއް ދީފި ކަމަށް އެ ޖަމާއަތުން އަންގާރަ ދުވަހު ބުނެފިއެވެ.
ހިޒްބުﷲ އިން ބުނެފައިވަނީ ހަމަލާތައް ދިނީ އިޒްރޭލުގެ ދެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ.
މީގެ އިތުރުން އެހެން ސަރަހައްދަކުން އިޒްރޭލުގެ އަސްކަރީ އުޅަނދަކަށް ހަމަލާ ދިން ކަމަށް ވެސް ހިޒްބުﷲ އިން ބުނެފައިވެއެވެ.
ލުބުނާން ހުރަސް ކޮށް ޑްރޯން ތަކެއް އިޒްރޭލުގެ ސަރަހައްދަށް ވާސިލްވި ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން އެއް ޑްރޯން ވައްޓާލި ކަމަށްވެސް އިޒްރޭލުން ބުނެއެވެ.
މި ހަމަލާތަކުގައި އާންމުގެ ބަޔަކު ޒަޚަމްވި ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.
ހިޒްބުﷲ ގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ދިން ހަމަލާތަކަކީ، ހިޒްބުﷲ ގެ ކޮމާންޑަރ ފުއާދް ޝުކްރު މިދިޔަ ހަފްތާގެ ބުދަ ދުވަހު އިޒްރޭލުން ހަމަލާދީ އަވަހާރަ ކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދޭނެ ކަމަށް ބުނި ހަމަލާތަކެއް ނޫން ކަމުގައެވެ.
ހިޒްބުﷲ ގެ މި ހަމަލާ އައީ އިޒްރޭލުން ދެކުނު ލުބްނާންގެ ސަރަހައްދަކަށް ހަމަލާ ދިންތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
އިޒްރޭލުގެ މި ހަމަލާ އަކީ ހިޒްބުﷲ ގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާ އެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ލުބުނާންގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިޒްރޭލްގެ ސަރަހައްދީ ރޮނގާ 30 ކިލޯ މީޓަރު ދުރުގައިވާ މައިފާދޫން ޓައުންގެ ގެއަކަށް އިޒްރޭލުން ދިން މި ހަމަލާގައި ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ.
އޭއެފްޕީން ބުނެފައިވަނީ މި ހަމަލާގައި މަރުވެފައިވާ ހަތަރު މީހުންނަކީ ވެސް ހިޒްބުﷲ ގެ ހަނގުރާމަވެރިން ކަމުގައެވެ.