ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 16:38
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު ޕާލިމެންޓު އިމާރާތުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު ޕާލިމެންޓު އިމާރާތުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި
ރޮއިޓާސް
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވާލުން
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
މުޒާހަރާގެ ލީޑަރުންގެ ހުށަހެޅުމަކީ ބަންގްލަދޭޝްގެ ނޮބެލް ސުލްހައިގެ އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ހިންގަވާ ގޮތަށް ހަމަޖެއްސުމެވެ.

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އެ ގައުމުގެ ރައީސް އަންގާރަ ދުވަހު އުވާލައްވައިފި ކަމަށް އެ ގައުމުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ދާޚިލީ ބޮޑު ހަމަ ނުޖެހުންތަކެއްގެ ތެރޭގައި އޮތް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ކަމުގެ މަގާމުން ޝެއިޚް ހަސީނާ ހޯމަ ދުވަހު އިސްތިއުފާ ދެއްވާ ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގަތުމުން، ގައުމުގެ ކަންކަން ހިންގަމުން މިހާރު ގެންދަނީ އަސްކަރިއްޔާގެ ވެރިޔާ ވާޤިރުއްޒަމާންގެ ބެއްލެވުމުގެ ދަށުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝޭޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދިޔަ ދަރިވަރުންގެ ލީޑަރުން މިއަދު އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ބައްދަލު ކޮށް، ބަންގްލަދޭޝްގައި އަސްކަރީ ވެރިކަމެއް އޮތުމަށް އެމީހުން ތާއީދު ނުކާރެކަން ހާމަ ކުރާނެ ކަމަށް ދަރިވަރުންގެ ލީޑަރުން ވަނީ ބުނެފައެވެ.

ދަރިވަރުންގެ ލީޑަރުން ވަނީ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އެ މީހުން ދީފައިވާ މުހުލަތާ އެއް ގޮތައް އުވާލުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި އެކަމުގެ ސަބަބުން ވަގުތީ މަދަނީ ސަރުކާރެއް ގާއިމް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މުޒާހަރާގެ ލީޑަރުންގެ ހުށަހެޅުމަކީ ބަންގްލަދޭޝްގެ ނޮބެލް ސުލްހައިގެ އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ހިންގަވާ ގޮތަށް ހަމަޖެއްސުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ ގޭ ބަންދުން ދޫކޮށްލައިފި ކަމަށް އޭނާގެ ޕާޓީގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދީފައިވެއެވެ.

ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ވާޤިރުއްޒަމާން ގައުމާ މުޚާތަބް ކުރައްވާ ޓީވީ މެދުވެރިކޮށް ހޯމަ ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ ގައުމު ދެން ހިންގަމުން ގެންދާނީ ވަގުތީ ސަރުކާރަކުން ކަމަށެވެ.

ހަސީނާ އިސްތިއުފާ ދެއްވި އިރު، އެތައް ހަފްތާ ތަކެއް ވަންދެން ކުރިއަށް ދިޔަ މުޒާހަރާ ތަކުގައި 300ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހަމަ ނުޖެހުން އެންމެ މައްޗަށް ދިޔަ އާދިއްތަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 100 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް