މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމަލު ނުކުރާ އިދާރާތައް ޖޫރިމަނާ ކުރުމަށްވުރެ އިސްކަންދެނީ އެ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށްކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން އާހިދު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ 200ށް ވުރެ ގިނަ މައްސަލަ އައިކޮމްއިން ބަލާއިރު، އޭގެ ތެރެއިން 28 އިންސައްތަ މައްސަލައިގައި ދައުލަތުގެ އިދާރާތަކުން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
އާހިދު ވިދާޅުވީ، 89 އިންސައްތަ އާރްޓީއައިތަކަށް އިދާރާތަކުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، އެކަމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކަށްވެސް އޭގެ އަސަރު ކުރާ ކަމަށެވެ.
ކަންބޮޑުވާ ލެވެލްއެއްގައި މި ހުރީ މި ކަންތައް، ވަކި ހިސާބަކުން އަޅުގަނޑުމެންވެސް އެބަޖެހޭ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން.އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު
އެ ޙާލަތުގައި ޖޫރިމަނާ ކުރުމަށް ޤާނޫނުން ބާރު ލިބިދޭ ކަމަށާއި، ނަމަވެސް އައިކޮމްއިން މަސައްކަތް ކުރަނީ އިދާރާތަކާ މަޝްވަރާކޮށްގެން މި މައްސަލަ ހައްލު ކުރުމަށް ކަމަށް އާހިދު ވިދާޅުވިއެވެ. އެހެންކަމުން އެ 89 އިންސައްތައިގައި އިދާރާތަކާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެކަމަށް އާހިދު ވިދާޅުވިއެވެ.
އޭގެ އިތުރުން، މިކަން ޙައްލު ކުރެވޭނީ ޖޫރިމަނާ ކޮށްގެން ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، ނަމަވެސް އެ ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގޮސްފިނަމަ އެކަން ކުރައްވާނެ ކަމަށް އާހިދު ވިދާޅުވިއެވެ.
އާހިދު ވިދާޅުވީ، އައިކޮމްއިން ދައުވާކުރަން އެދި ހުށަހެޅުމުން ޕީޖީ އޮފީހުން އެކަން ފޮނުވަނީ ފުލުހުންނަށް ކަމަށާއި، ނަމަވެސް އިދާރީ ތަހުގީގެއް ކުރުމަށްފަހު ދައުވާކޮށްދިނުން އެދި ފޮނުވުމަށް ފުލުހުން އިރުޝާދު ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް އިދާރީ އިންވެސްޓިގޭޝަން ޔުނިޓެއް ހެދުމަށް ބޭނުންވާ ވަރަށް ބަޖެޓާއި މުވައްޒަފުންވެސް ނެތް ކަމަށް އާހިދު ވިދާޅުވިއެވެ.
އާހިދު އިތުރަށް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގައިވާ ގޮތަށް އިދާރާތަކުން މައުލޫމާތު ދޫކޮށްފައިވާކަމަށް ނިންމާފައިވާ މައްސަލަތަކުގެ ނިސްބަތް އުޅެނީ 9 އިންސައްތައިގައި ކަމަށެވެ.
އޭގެ އިތުރުން، 10 ދުވަސް ތެރޭގައި މައުލޫމާތު ފޯރުކޮށްނުދީފިނަމަ، އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ ކުރުމަށް 45 ދުވަހުގެ ތެރޭގައި ފޮނުވުމުގެ އިހުތިޔާރު އޮންނަ ކަމަށާއި، އެގޮތުގެ މަތިން ދެ މައްސަލައެއް މިހާރު ފޮނުވާފައިވާނެކަމަށް އާހިދު ވިދާޅުވިއެވެ.
ކޮމިޓީގައި އައިކޮމްއިން ބައިވެރިވި ފަރާތްތަކުން ވަނީ އެ އިދާރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ.