ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 11:04
ޕީއެސްޖީ އަށް ސޮއި ކުރުމަށްފަހު ނެވެސް
ޕީއެސްޖީ އަށް ސޮއި ކުރުމަށްފަހު ނެވެސް
ޓްވީޓަރ
ޕީއެސްޖީ
ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ނެވެސް، ޕީއެސްޖީ އަށް
އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެނެވެ.

ބެންފީކާ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ޔާއޯ ނެވެސް، ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ސޮއި ކޮށްފި އެވެ.

އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެނެވެ. ޕީއެސްޖީ އާއެކު ނެވެސް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބެންފީކާ ދޫކޮށް ނެވެސް ޕީއެސްޖީ އަށް ބަދަލުވީ 60 މިލިއަން ޔޫރޯ އަށެވެ. ޕީއެސްޖީ ގައި ނެވެސް ބޭނުން ކުރާނީ 87 ނަންބަރު ޖާޒީ އެވެ. ނެވެސް ހޯދުމުގެ ޑީލްގެ ދަށުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް، ލޯނު އެއްބަސްވުމެއްގެ ދަށުން ބެންފީކާ އަށް ބަދަލުވާނެ އެވެ. އެއީ ލޯނު އެއްބަސްވުން ހަމަވުމުން، ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދޭނެ މާއްދާއާ ވެސް އެކު އެވެ.

ނެވެސް އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބެންފީކާ އިންނެވެ. ނެވެސް ވަނީ ބެންފީކާ އަށް ކުޅެދިން 75 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ނެވެސް އަށް ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޕޯޗުގަލްގެ ސީނިއާ ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޖަރުމަނުގައި މިއަހަރު ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ޕޯޗުގަލާ އެކު ކުޅެފަ އެވެ.

ނެވެސް ވަނީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ޖުމުލަ ނުވަ މެޗު ކުޅެދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް