ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 14:30
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ
ރޮއިޓާސް
ހޫނު ޚަބަރު: ޝެއިޚް ހަސީނާ އިސްތިއުފާ ދިނުން
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވައިގެން ވަޑައިގެންފި
އިސްތިއުފާ ދެއްވުމަށް ފަހު ހެލިކޮޕްޓަރެއްގައި ހަސީނާ ވަޑައިގަތީ އިންޑިއާ އަށް

ބަންގްލަދޭޝް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާ ނުރައްކާވެފައި ވަނިކޮށް ބޮޑު ވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވައިގެން ވަޑައިގެންފި ކަމަށް ބީބީސީ އިން ބުނެފިއެވެ.

ހަސީނާ އިސްތިއުފާ ދެއްވި ޚަބަރު އައުމުގެ އިރުކޮޅެއް ކުރިން އޭނާ ޑާކާ ދޫކުރައްވާ ރައްކައުތެރި ތަނަކަށް ވަޑައިގެންފި ކަމުގެ ޚަބަރު އޭއޭފްޕީ އިން ވަނީ ދީފައެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ވަރަށް އަވަހަށް ބައްދަލު ކުރައްވާ ގައުމާ މުޚާތަބް ކުރައްވާނެ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ހަސީނާ އަސްކަރީ ހެލިކޮޕްޓަރެއްގައި ވަޑައިގަންނަވަނީ އިންޑިއާގެ ސިޓީ އެއް ކަމަށްވާ އަގަރްތާލާ އަށް ކަމަށް ބީބީސީ ބަންގާލީ އިން ބުނެފައިވެއެވެ.

ހަސީނާގެ ރަސްމީ ގަނޑުވަރަށް މުޒާހަރާ ކުރާ މީހުން ވަދެ އެތަން ލޫޓް ވަމުންދާ މަންޒަރު ސޯޝަލް މީޑީއާ ގައި ހާމަވެފައިވެއެވެ.

މުޒާހަރާގެ ބައިވެރިއަކާ ހަވާލާދީ ބީބީސީ އިން ބުނެފައިވާ ގޮތުގައި ބޮޑު ވަޒީރުގެ ރަސްމީ ގަނޑުވަރު ގަނާބަބަން ގައި ހުންނަ ޝެއިޚް ހަސީނާގެ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަރާކާތުގެ ލީޑަރު ޝެއިޚް މުޖީބުއްރަހްމާންގެ ބޮޑު ބުދު ވައްޓާލާ ވަނީ ތަޅާލާފައެވެ. އޭގެ އިތުރުން މުޖީބްގެ ހަނދާނީ މިއުޒިއަމް ގައި މުޒާހަރާ ކުރާ މީހުން ވަނީ ހުޅު ޖަހާފައެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވާ ގައުމުން ބޭރަށް ވަޑައިގެންނެވި އިރު، ބަންގްލަދޭޝްގެ ޔުނިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ އެތައް ހަފްތާ އެއް ވަންދެން ކުރިއަށް ދިޔަ އިރު ހަމަ ނުޖެހުންތަކުގައި 300ށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ، އެތައް ހާސް މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާދިއްތަ ދުވަހުގެ ހަމަ ނުޖެހުންތަކުގައި ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ އެތައް ހާސް މީހުންނާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ވަނީ ސްޓަން ގްރެނޭޑްސް އާއި ކަރުނަ ގޭސް ޖަހާފައެވެ.

ސަރުކާރުން އާދިއްތަ ދުވަހު ކާފިއު އިއުލާން ކުރި ނަމަވެސް، ކާފިއު އަށް ތަބާ ނުވެ، މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރަން މުވާސަލާތީ ޚިދުމަތްތައް ކަނޑާލުމުގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ވަނީ ބްލޮކް ކޮށްފައެވެ.

ނުރައްކާ މިންވަރަކަށް ބަންގްލަދޭޝްގެ ހާލަތު ގޮސް ވެގެން ދިޔައިރު، މުޒާހަރާގައި ލީޑަރުން ބުނަމުން ދިޔައީ ބޮޑުވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ނުދެއްވަނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ.

ހަސީނާ އިސްތިއުފާ ދެއްވާ ގައުމުން ވަޑައިގަތުމުން ނުތަނަވަސްވެފައިވާ މަސްރަހަރަށް ފިނިކަން އައިސް އެތައް ހާސް މީހުން މަގުތަކަށް ނުކުމެ ދަނީ އުފާ ފާޅު ކުރަމުންނެވެ.

ބީބީސީ އިން ބުނެފައިވާ ގޮތުގައި އާންމުންގެ ބަޔަކު ވަނީ ބަންގްލަދޭޝްގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާންގެ ގެއަށް ވަދެގަނެފައެވެ. ބޭރު ދޮރު ވައްޓާލައިގެން މީހުން ވަދެ އެ ގެޔަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް