ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން ޑރ. މަރިޔަމް ޒުލްފާ ވަކިކޮށް، ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.
ރާއްޖެއެމްވީއަށް ޒުލްފާ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
ޒުލްފާ ވިދާޅުވީ އެލްޖީއޭގެ ސީއީއޯގެ މަގާމުން ވަކިކުރި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމަށް އިހުތިރާމް ކުރައްވާނެ ކަމަށާއި، ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ގައުމަށް އައީ ޚިދުމަތް ކުރަން. ދެން މީޑީއާތަކުގައި އެހުރީ ރަނގަޅު ވާހަކަތައް.ޑރ. މަރިޔަމް ޒުލްފާ
އެލްޖީއޭގެ ސީއީއޯގެ މަގާމަށް މ. ވައިނުޖެހޭގެ، ޑރ. ޒުލްފާ އައްޔަންކުރެއްވީ 26 ޑިސެންބަރު 2023 ގައެވެ. ޒުލްފާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.
ޒުލްފާ ކުރިން ހުންނެވީ އެމްޑީޕީގައެވެ. ނަމަވެސް ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިފަހުން ޕީއެންސީއާ ޒުލްފާ ގުޅިވަޑައިގަތެވެ.