Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 19:12
ވިލާ ކޮލެޖުގެ އައު ޕްރޮގްރާމްތައް އިފްތިތާޙް ކުރުމާއި ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވިލާ ކޮލެޖުގެ އައު ޕްރޮގްރާމްތައް އިފްތިތާޙް ކުރުމާއި ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ވިލާ ކޮލެޖްގެ ޕްރޮގްރާމްތައް
ވިލާ ކޮލެޖުން އައު ޕްރޮގްރާމްތަކެއް ތައާރަފްކޮށް، ދެ ފޮތެއް ނެރެފި
އަލަށް ތައާރަފް ކުރީ ބެޗެލަރ އޮފް ކުއަންޓިޓީ ސަރވޭއިންގ އަދި ބެޗްލަރ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް
އަލަށް ނެރުނު ދެ ފޮތަކީ ވިލާ ކޮލެޖުގެ ލެކްޗަރަރ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ދެ ފޮތް
އިލްމީ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ކުރިއެރުން ލިބޭނެ

ވިލާ ކޮލެޖުން އައު ޕްރޮގްރާމްތަކެއް ތައާރަފްކޮށް، ދެ ފޮތެއް ނެރެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައު ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވައި، ދެ ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފް ކުރި ދެ ޕްރޮގްރާމްއަކީ ބެޗެލަރ އޮފް ކުއަންޓިޓީ ސަރވޭއިންގ އަދި ބެޗްލަރ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އެވެ. މި ދެ ޕްރޮގުރާމުގެވެސް މުއްދަތަކީ 3 އަހަރު ދުވަހެވެ.

ވިލާ ކޮލެޖުން ބުނީ ބެޗެލަރ އޮފް ކުއަންޓިޓީ ސަރވޭ ޕްރޮގުރާމުން އުމްރާނީ ތަރައްގީގެ މަޝްރޫއަށް ބޭނުންވާ މާލީ ކަންކަމާއި ޕްރޮކިޔުމެންޓްގެ ކަންކަން މެނޭޖްކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދެވޭނެ ކަމަށާއި، އަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް ފުރިހަމައަށް ތަމްރީން ކޮށްދޭނެ ކަމަށެވެ. ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއާ ގުޅޭގޮތުން އެ ކޮލެޖުން ބުނީ މި ޕްރޮގުރާމުން ދަރިވަރުންނަށް ރާއްޖޭގެ ސިޔާސީ މަސްރަހާއި ސިޔާސީ މަސްރަހުގެ ތާރީޚާއި ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން މައުލޫމާތު ދެވޭނެ ކަމަށާއި، މިދާއިރާއަށް ނުކުންނަން ބޭނުންވާ ދަރިވަރުންނަށް ވަރަށް ރަނގަޅު ޕްރޮގްރާމް އަކަށްވާނެ ކަމަށެވެ.

އަދި މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، (އެމްކިޔުއޭ)ގެ ލެވެލް 7ގެ ޕްރޮގްރާމްތަކެއް ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ވިލާ ކޮލެޖަކީ ބައިނަލްއަގުވާމީ ދުނިޔޭގެ ޔުނިވާސިޓީތަކާ ކޮލެޖުތަކާ ފައި ހަމަކުރަމުން އަންނަ ކޮލެޖެއް ކަމަށާއި، އެތަނަކީ ރާއްޖޭގައި ތިބެގެން އެންމެ ޒަމާނީ ތައުލީމު ދަރިވަރުންނަށް ފޯރުކޮށްދެމުން އަންނަ މަރުކަޒު ކަމަށެވެ. އަދި އުފާވެރި މުސްތަގުބަލެއް ބިނާ ކުރުމަށް ވިލާ ކޮލެޖުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އިލްމީ ދިރާސާތަައް ކުރުން މުހިންމުކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެމަސައްކަތް އެންމެ ފުޅާކޮށް ކުރަމުންދަނީ ވިލާ ކޮލެޖުން ކަމަށާއި، މިމަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށެވެ. އިލްމީ ދިރާސާތަކުގެ އަލީގައި ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ނެރުނު ދެ ފޮތަކީ ވިލާ ކޮލެޖުގެ ލެކްޗަރަރ އަދި މަޝްހޫރު ތާރީޚީ އިލްމުވެރިޔާ (ކަށިމާ) އަހުމަދު ޝާކިރު ލިޔުއްވާފައިވާ ދެ ފޮތެކެވެ.

އެއީ "ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚު 1"އާއި "ދިވެހިރާއްޖޭގައި އުފެދުނު ޝަރަފުވެރި ބޭބޭފުޅުންގެ ޒިކުރާގެ ތެރެއިން އުސްތާޛުނާއި ޢާލިމުން، އުދަބާއުނާއި ޝާޢިރުން" ނެވެ.

މި ދެ ފޮތާ ގުޅޭގޮތުން ޝާކިރު ވިދާޅުވީ މިއަދުގެ ކިޔަވާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ދަށްޗަކީ އެ ދާއިރާއަކަށް ބޭނުންވާ ދިވެހި ފޮތް ނުލިބުމުގެ މައްސަލަ ކަމަށެވެ. ޝާކިރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ތާރީޚާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ލިޔުނީ މި ދާއިރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަަމަށެވެ. އެކިއެކި ދާއިރާތަކުން މައުލޫމާތު ހުންނަ ފޮތްތައް ނެރެންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް