Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 13:10
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރާއްޖެއެމްވީ
މާލޭގެ މަގުތައް
މާލޭގެ ފެންބޮޑުވުން ހައްލުކުރުމަށް ބޮޑެތި ޕަމްޕްތަކެއް ހޯދަން ބަޖެޓް ވަނީ ފާސްކޮށްފައި
ފެންބޮޑުވާ ކޮންމެ ފަހަރަކު 500 އެއްހާ އާއިލާ އަށް އެކަމުގެ އަސަރު ކުރާކަމަށް ވިދާޅުވި
5 މިލިއަން ޚަރަދުކޮށްގެން ގާތްގަނޑަކަށް 80% ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި

މާލޭގެ ފެންބޮޑުވުން ހައްލުކުރުމަށް ބޮޑެތި ޕަމްޕްތަކެއް ހޯދަން ބަޖެޓް ފާސްކޮށްފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ހުކުރު ދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވަނީ މާލޭގެ މަގުތަކާއި ގުޅުން ހުރި މައްސަލަތަކާއި މެދު ވާހަކަދައްކަވާފައެވެ.

މާލޭގައި އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ އަކީ ފެންބޮޑުވުމުގެ މައްސަލަަކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އެއީ ހައްލު ހޯދަން ޖެހޭ މައްސަލަ އެއްކަމަށާއި ފެންބޮޑުވާ ކޮންމެ ފަހަރަކު 500 އެއްހާ އާއިލާ އަށް ފެންބޮޑުވުމުގެ ހާދިސާ އެއް ހިނގާ ކޮންމެ ފަހަރަކު ވަރަށް ބޮޑަށް އަސަރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ މާފަންނުގެ ބައެއް ސަރަަހައްދުތަކަށް ފެންބޮޑުވުމުގެ އަސަރުކުރާ މިންވަރު ބޮޑު ކަމަށާއި އެއީ އިދާރާތަކުން ހައްލު ހޯދާދޭން ޖެހޭ ސީރިއަސް މައްސަލަ އެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ފަރުނީޗަރ ހަލާކުވުމާއި، ފަރުނީޗަރގައި ފަންގަސް ޖަހާ އާއިލާތަކަށް ބަލިމަޑުކަމާއި ކުރިމަތިލާން ޖެހޭ މައްސަލަ ފާހަގަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މައްސަލަ އަކީ ހަމައެކަނި ސިޓީ ކައުންސިލުން އެކަނި މަސައްކަތްކޮށްގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Advertisement

އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީ، އާރްޑީސީ، ޕްލޭނިން މިނިސްޓްރީ ފަދަ ސްޓޭކް ހޯލްޑަރުންނާއި އެކު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ބޮޑެތި ޕަމްޕްތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމަށް 5 މިލިއަން ޚަރަދުކޮށްގެން ގާތްގަނޑަކަށް 80% ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުއެއް ޗައިނާ އާއި އެކު ކުރިއަށް ދާ ކަމަށާއި އެ މަޝްރޫޢު އާއި އެކު ވަރަށް ގިނަ ކަންކަމަށް ހައްލު ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާނު ސާފުކުރުމާއި މަގު ސާފުކުރުމުގެ މަސައްކަތް މެދު ނުކެނޑި ކުރަމުންދާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ސެގްމެންޓްތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ރަނގަޅު އިންތިޒާމްތަކެއްގެ ދަށުން ނުކޮށް އެއްވެސް ކަމެއް ކާމިޔާބު ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާތީ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކަމެއް ދިމާވާ އިރަށް އެކަން ކޮށްގެން ކާމިޔާބެއް ނުވާނެ. ރާވައިގެން އިންތިޒާމްކޮށްގެން ކަންކަން ވާނީ. އެގޮތުން މިހާރު އޮންނާނީ ސެގްމެންޓްތަކަކަށް ބަހާލާފައި. އެގޮތުން މިހާރު ކާނު އޭރިއާ 5000އަކަށް އޭރިއާ އަޅުގަނޑުމެން ސާފުކޮށްފިން. މަދުވެގެން އަަހަރެއް ނިމޭ އިރު ކާނުތައް ސާފުވާނެ ހުރިހާ ކާނެއް. އެތައް ޒަމާނެއް ވަންދެން ހޮޅިތައް ހުރީ ސާފުކޮށް. ޖެޓް ޖަހައިގެން ވެސް ނުދިޔަ ބައެއް ހޮޅިތައް. ސިމެންތި އަޅާފަ ހުރުމާއި. މި މައްސަލަ އާއި ދިޔަދޮއިތަކުން ފެން ފައިބާ މައްސަލަ އަށް ހައްލު ލިބޭނެ ވަރަށް ބޮޑަށް މަގު ހެދުމުގެ މަޝްރޫޢު އާއި އެކު.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މިހާރު ޕްލޭންކޮށްފައި ވާނީ އަހަރެއްގެ ތެރޭގައި މާލޭގެ ހުރިހާ ކާނެއް ސާފު ކުރެވޭ ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލެ އަކީ ސާފުތަނަކަށް ހެދުމަށްޓަކާ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް