Advertisement
ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 11:53
ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގެ ތެރެއިން
ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ޚަރަދު ކުޑަކުރުން
ސުކޫލުތަކުގެ ޚަރަދު ކުޑަކުރަން އަންގާއިރު، ޓީޗަރުންގެ އަމިއްލަ އަތުން ކުރަންޖެހޭ ޚަރަދު ދަނީ އިތުރުވަމުން
ތައުލީމާ ބެހޭ ސިޔާސަތަކީ ޤައުމީ ސިޔާސަތެއް އެއީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ
މުދައްރިސުން ދަރިވަރުންނަށް ތައުލީމު ދިނުމަށްޓަކައި އަމިއްލަ ޖީބުން ކުރާ އެތައް ޚަރަދެއް އެބަހުރި
ޚަބަރުގެ އޯޑިއޯ

ސުކޫލުތަކުގެ ޚަރަދު ކުޑަކުރަން އަންގާއިރު، ޓީޗަރުންގެ އަމިއްލަ އަތުން ކުރަންޖެހޭ ޚަރަދު އިތުރުވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ބައެއް ފިޔަވަޅުތައް އަޅަން މިހާރު ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

Advertisement

އެހެންނަމަވެސް ޓީޗަރުން ކުރަން ޖެހޭ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ، މުވައްޒަފުން އަމިއްލަ އަތުން ޚަރަދުކޮށްގެންވެސް ނަގަންޖެހޭ ފިލާވަޅުތައް ނަގަންޖެހޭނެ ކަމަށެވެ.

ޕްރިންޓް ކުރުން މަދުކުރާށޭ، އޭފޯ ސައިޒް ކަރުދާސް ބޭނުން ކުރުން މަދުކުރާށޭ، ދެން ކޮންމެ ގޮތެއްވިޔަސްވެސް ކްލާހަށް ވަންނައިރު އެ ޕްރިންޓް ކުރަންޖެހޭ އެއްޗެއް، ލިޔަން ޖެހޭ އެއްޗެއް، އެ ތައްޔާރުކުރަން ޖެހޭ ޕޯސްޓަރެއް ތައްޔާރު ނުކޮށް އެ ނުލާ ކިހިނެއް މުދައްރިސަކު ކްލާހަށް ވަންނާނީ، އެކަމަކު އެ ތައްޔާރު ކުރަން މުދައްރިސަކު އެބަ އިންނަންޖެހޭ އަމިއްލައަށް ކަރުދާހެއް ގަނެގެން ސްޓާފްރޫމް ތެރޭގައި އިނދެގެން، ކުލަފޮއްޓެއް ހިފައިގެން އައިސް އެ ކުރަހައިގެން ކުލަ ޖައްސައިގެން އެ ނިންމަން އެބަޖެހޭ ނޫންތޯ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން

އިހުސާން އިތުރަށް ވިދާޅުވީ، ކަންކަން ނިންމާއިރު މަޝްވަރާ އިސް ކުރުމަކީވެސް އެޑިއުކޭޝަން މިނިސްޓްރީއާއި ސަރުކާރުން ކުރަންޖެހޭ ކަންކަން ކަމަށެވެ. އެގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކާވެސް މަޝްވަރާ ކުރަންޖެހޭކަން އިހުސާން ފާހަގަ ކުރެއްވިއެވެ.

ޓީވީ ޓޯކް ޕްރޮގްރާމްގައި މި މައުޟޫއަށް ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، މިހާރުވެސް މުދައްރިސުން ދަރިވަރުންނަށް ތައުލީމު ދިނުމަށްޓަކައި އަމިއްލަ ޖީބުން ކުރާ އެތައް ޚަރަދެއް އެބަހުރި ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މުދައްރިސުން ދަރިވަރުންނަށް ތައުލީމު ދިނުމަށްޓަކައި އަމިއްލަ ޖީބުންވެސް ޚަރަދު ކުރާ އެތައް ކަމެއް.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް އިތުރަށް ވިދާޅުވީ، ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ މުހިއްމު އެއް ބައިވެރިއަކީ މުދައްރިސުން ކަމަށެވެ. އެހެންކަމުން މިނިސްޓްރީ ނުވަތަ ޕްރިންސިޕަލުން އެންގި ނަމަވެސް މުދައްރިސުން އަމަލު ކުރަންޖެހޭނީ ޤާނޫނީ މިންގަނޑުތަކުގެ ތެރެއިންކަމަށް މައުރޫފް ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފު އެންގުންތަކަށް ބޯ ނުލެނބުމަކީ މުވައްޒަފުންނަށް އޮތް ޙައްޤެއްކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، ޙައްޤު ގޮތުގައި ހުރެގެން ވަޒީފާ ގެއްލިގެން ނުވާނެ ކަމަށެވެ.

އަދި، ޙައްޤުތައް ހޯދުމަށް ޓީޗަރުންގެ ކަންކަމާ ގުޅުންހުރި ފަރާތްތަކުންވެސް ނުކުންނަން ޖެހޭކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ތައުލީމާ ބެހޭ ސިޔާސަތަކީ ޤައުމީ ސިޔާސަތެއް ކަމަށާއި، އެއީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. މިއީ މުޅި ޤައުމުގެ މުސްތަޤުބަލު ގުޅިފައިވާ ސިޔާސަތެއްކަންވެސް މައުރޫފް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް