ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 09:24
ރީފިލް ފެންފުޅިތަކުގައި އަށަގަންނަ ބެކްޓީރިއާތަކުގެ ތެރޭގައި އާދައިގެ ބެކްޓީރިއާތަކެއް ކަމަށް ބަލާ ސްޓްރެޕްޓޮކޮކަސްއާއި ސްޓްފީލޮކޮކަސް ހިމެނޭ
ރީފިލް ފެންފުޅިތަކުގައި އަށަގަންނަ ބެކްޓީރިއާތަކުގެ ތެރޭގައި އާދައިގެ ބެކްޓީރިއާތަކެއް ކަމަށް ބަލާ ސްޓްރެޕްޓޮކޮކަސްއާއި ސްޓްފީލޮކޮކަސް ހިމެނޭ
ގެޓީ އިމޭޖަސް
ރީފިލް ފެންފުޅި
ޕްލާސްޓިކްގައި ކޮޅުފައިން ޖެއްސި ރީފިލް ފެންފުޅި، ނަފުސާ ދެކޮޅަށް ބެހެއްޓި ހަތަރިޔާރަކަށް؟
ރީފިލް ފެންފުޅިއާ މެދު އެންމެ ބޮޑަށް ކުރެވިފައި އޮންނަ ކުށް ހީ އަކީ، އެ ފުޅިއަށް އަޅަނީ ސާފު ބޯފެން ކަމާއި، އެ ފުޅީގައި ތުން ޖަހައިގެން ފެން ބޯ މީހަކީ ހަމަ އެކަނި އެމީހަކަމަށް ވުމުން، ތާ އަބަދު ފެންފުޅި ދޮވެ ސާފު ކުރަން ނުޖެހޭނެ ކަމަށް ހީވެފައި އޮންނަ އޮތުމެވެ. މިފަދައިން ހީ ކުރެވެމުން ދާ ނަމަ އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ފެންފުޅީގައި ތުންޖަހައިގެން ނުވަތަ އަނގަޖަހައިގެން ބޯ ކޮންމެ ފަހަރަކު، ހަށިގަނޑުގެ ތެރެއިން އެތައް ބެކްޓީރިއާއެއް ފެންފުޅިއަށް ދަތުރު ކުރެއެވެ.

ރަނގަޅަށް ކަމެއް ކުރާނަމޭ ހިތާ ކޮށްލާ ބައެއް ކަންކަމަކީ ހީވެސް ނުކުރާ ފަދަ ނަތީޖާއެއް އެކަމެއްގެ ސަބަބުން ނުކުމެދާނެ ކަންތައްތަކެކެވެ. އެފަދަ އެއް ކަމަކީ، އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ގަތުމުގެ ބަދަލުގައި، އެތައް އަހަރަކު ބޭނުން ކުރެވޭ 'ރީފިލް' ފެންފުޅި ގެންގުޅުމުގެ އާދަ އަށަގެންނެވުމެވެ. މިއަދު މި ރާއްޖޭގައިވެސް، ޕްލާސްޓިކްއަށް ނޫނެކޭ ބުނެ، ހަމަ އެކަނި ރީފިލް ފެންފުޅި ނޫވީ އެތަނެއްގެ ހަތަރު ފާރުން އެތެރެ ނުކުރެވޭނެކަން ކަނޑައަޅާ އިޢުލާން ކޮށްފައިވާ ތަންތަން އެބަހުއްޓެވެ. ކަން މިހެން އޮތެއް ކަމަކު، އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބޭނުން ކުރުމަށް އިޚްތިޔާރު ކުރެވުނު ރީފިލް ފެންފުޅިއަކީ އެފަދަ ކަމަކަށް އެންމެ ރަނގަޅު އާލާތެއްތޯ ވިސްނާލަން އެބަ ޖެހެއެވެ.

ދުވާލެއްގެ މައްޗަށް 8 ތަށީގެ ފެން ބުއިމަކީ ޞީއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައި ވާ އިރު، ރީފިލް ފެންފުޅިއެއް އަތުގައި އޮތުމީ، އެ އަމާޒު ކަށަވަރު ކުރުމަށް ލިބޭ އެހީއަކަށް އޮންނަނީ ވެފައެވެ. ތިމާވެށީގެ އިތުރުން އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް އެދިގެން ގެނައި މި ބޮޑު ބަދަލަކީ، ޙަޤީޤަތުގައި ޞިއްޙަތަށް ދެވޭ ގެއްލުމަކަށްވެސް ވެދާނެކަން ދެނަހުރީމު ހެއްޔެވެ؟

ވޯޓަރފިލްޓަރ ގޫރޫގެ ދިރާސާގެ ހޯދުންތަކަށް ބަލަމާ ހިނގާށެވެ. ވޯޓަރފިލްޓަރ ގޫރޫގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ފެން ފުޅި ނުވަތަ ރީފިލް ފެންފުޅީގައި 20.8 މިލިއަން ކޮލޮނީ-ފޯރމިން ޔުނިޓް (ސީއެފްޔޫސް) ގެ ބެކްޓީރިއާ، އެވަރޭޖު ގޮތެއްގައި ހުރެއެވެ. އެއީ ފާޚާނާތައްޓެއްގައި އިށީނދެއިނުމަށް ޚާއްޞަކޮށްފައި ވާ ބައި ނުވަތަ ޓޮއިލެޓް ސީޓުގައި މައިކްރޯބްސް ނުވަތަ ބެކްޓީރިއާއަށް ވުރެ 40000 ގުނަ އިތުރު މިންވަރެކެވެ. ޙަޤީޤަތަކީ އެއީ ކަމަށް ވާ އިރު، ރީފިލް ފެންފުޅި ބޭނުން ކުރާ ހަމަ ކޮންމެ ފަހަރަކު، ރަނގަޅަށް ނުދޮވެ، ސިލްސިލާ ގޮތެއްގައި އެ ފުޅިން ފެން ބޮމުން ދާނަމަ އަހަރެމެންގެ ހަށިގަނޑަށް ވާނީ ކިހާ ވަރެއްގެ ގެއްލުމެއްބާއެވެ؟

ދި އިންޑިޕެންޑަންޓް ފަރމަސީގެ ސީނިއަރ ކްލިނީޝިއަންގެ މަޤާމުގައި ހުރި ޑރ ޑޮނާލްޑް ގްރާންޓް ބުނި ގޮތުގައި، ރީފިލް ފެންފުޅިއާ މެދު އެންމެ ބޮޑަށް ކުރެވިފައި އޮންނަ ކުށް ހީ އަކީ، އެ ފުޅިއަށް އަޅަނީ ސާފު ބޯފެން ކަމާއި، އެ ފުޅީގައި ތުން ޖަހައިގެން ފެން ބޯ މީހަކީ ހަމަ އެކަނި އެމީހަކަމަށް ވުމުން، ތާ އަބަދު ފެންފުޅި ދޮވެ ސާފު ކުރަން ނުޖެހޭނެ ކަމަށް ހީވެފައި އޮންނަ އޮތުމެވެ.

މިފަދައިން ހީ ކުރެވެމުން ދާ ނަމަ އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ފެންފުޅީގައި ތުންޖަހައިގެން ނުވަތަ އަނގަޖަހައިގެން ބޯ ކޮންމެ ފަހަރަކު، ހަށިގަނޑުގެ ތެރެއިން އެތައް ބެކްޓީރިއާއެއް ފެންފުޅިއަށް ދަތުރު ކުރެއެވެ. އަދި އެ ފުޅީ ތެރޭގައި ބެކްޓީރިއާތައް އެތައް ގުނައަކަށް އިތުރުވެއެވެ.

އާންމު ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށް ވާ ޑރ ސުހައިލް ހުސައިން ފާހަގަ ކުރި ގޮތުގައި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ކޮންމެ އެއްޗަކީވެސް ހަޑިއާއި، ހިރަފުސް އަދި ކުނިބުނި ޖަމާވުމުގެ ފުރުޞަތަށް ހުށަހެޅިފައި އޮންނަ އެއްޗެކެވެ. ރީފިލް ފެންފުޅިއަކީ އެފަދަ އެއްޗެހީގެ ތެރެއިންވެސް، ބެކްޓީރިއާ އަށަގަނެ، އާލާވުމުގެ ފުރުޞަތު ފަހި މާޙައުލެއް އޮންނަ އެއްޗެއްކަންވެސް ޑރ ހުސައިން ފާހަގަކުރިއެވެ.

ރީފިލް ފެންފުޅިތައް އާންމުކޮށް ފަރުމާކޮށްފައި ހުންނަ ގޮތަށް ބަލާއިރު، އެއީ އެ ފުޅިއެއްގެ ހުރިހާ ބައެއް ނައްޓާލައިގެން ފަސޭހައިން ސާފުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައި ހުންނަ އެއްޗަކަށް ނުވެއެވެ. މިސާލަކަށް މަތިގަނޑު ހުޅުވާލުމުން އޭގެ ޒާތުގައި އަމިއްލައަށް ކޮޅަށް ޖެހޭ ހޮޅި ނުވަތަ ފްލިޕް-އަޕް-ސްޓްރޯއާއެކު ފަރުމާކޮށްފައި ހުންނަ ރީފިލް ފެންފުޅިތަކުގައި ވަރަށް ފަސޭހައިން މޯލްޑް ނުވަތަ އަހަރެމެންނަށް ފަރިތަ ނަމުން ނަމަ ކަޅު ފަންގަސް ޖަހައެވެ.

ފެންފުޅި ދޮވެ ސާފުކުރުމަކުން އަދި ނިމޭކަށް ނެތެވެ. ރީފިލް ފެންފުޅި ބަހައްޓާ ތަނެއްގެ ގޮތުންވެސް އޭގައި ބެކްޓީރިއާ އަށަގަނެއެވެ. މިސާލަކަށް ޖިމްއަށް ދާން ގެންގުޅޭ ދަބަސް ތެރޭގައި ފެންފުޅި ބާއްވާފައި އޮންނަ އިރު، ދަބަހުގެ އެތެރެ ފަރާތުން ނުވަތަ ދަބަސް ތެރޭގައި އޮތް އެހެން އެއްޗަކުން، ރީފިލް ފެންފުޅިއަށް ބެކްޓީރިއާ ދަމައިގަނެއެވެ. އަދި ކޮބައި ހެއްޔެވެ؟ ފެންފުޅީގައި ހިފަން ބޭނުން ކުރާ، ތިމާ މީހާގެ އަމިއްލަ އަތުންވެސް އެ ފުޅިއަށް ބެކްޓީރިއާ ދަތުރު ކުރެއެވެ. އެންމެ އާދައިގެ ރީފިލް ފެންފުޅިތަކަކީ ވެލްވު މަތިގަނޑު ނުވަތަ އަނބުރާލުމުން ހުޅުވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ފެންފުޅިތަކެކެވެ. މިފަދަ ފެންފުޅިތަކުގައި ސީދާ ތުންޖަހަން ޚާއްޞަކޮށްފައި ހުންނަ ބަޔަށް، އެމީހާގެ އަތުގެ ޒަރިއްޔާއިން ބެކްޓީރިއާ ދަތުރު ކުރެއެވެ. 

މިހާތަނަށް މުޅިންވެސް މި ދެއްކުނީ ރީފިލް ފެންފުޅީގައި ބެކްޓީރިއާ އަށަގަންނަ ވާހަކައެވެ. ދެން، އެއީ ކޮން ކަހަލަ ބެކްޓީރިއާތަކެއްތޯ ބަލަމާ ހިނގާށެވެ. ރީފިލް ފެންފުޅިތަކުގައި އަށަގަންނަ ބެކްޓީރިއާތަކުގެ ތެރޭގައި އާދައިގެ ބެކްޓީރިއާތަކެއް ކަމަށް ބަލާ ސްޓްރެޕްޓޮކޮކަސްއާއި ސްޓްފީލޮކޮކަސް ހިމެނެއެވެ. މި ބެކްޓީރިއާތައް ޖަމާވަމުން ދާ އިރު، އެ ފުންފުޅިން ފެން ބޯ މީހަކީ ރޯގާޖެހި، ހުންވައްތަރު ވެފައި ހުރި މީހެއް ނަމަ، މައްސަލަ ގޯސްވުމުގެ ފުރުޞަތު ބޮޑެވެ. އޭގެ އިތުރުން، ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމާ ބެހޭ ނިޒާމުތަކަށް އިންފެކްޝަން ޖައްސާ އީ-ކޮލައި ބެކްޓީރިއާވެސް ރީފިލް ފެންފުޅީގައި އަށަގެންފައި އެބަހުއްޓެވެ. ވަކިން ބޮޑަށް، މަތިގަނޑު ނައްޓާ، ޖަހާ، ނައްޓާ ޖަހާ، ތަކުރާރު ކުރަން ޖެހޭ ފަރުމާތަކުގެ ފެންފުޅިތަކުގައެވެ.

މި ބެކްޓީރިއާތަކުގެ ސަބަބުން ތަފާތު އެކި ކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހުން އެކަށީގެންވެއެވެ. ހޮޑުލުމާއި ބޭރަށް ހިންގުމުގެ އިތުރުން ގޭސްޓްރިކް އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެއެވެ. ނުދޮވެ ބޭނުން ކުރާ ފެންފުޅިތަކުގައި އަށަގަންނަ އާންމު ބެކްޓީރިއާއެއް ކަމަށް ގްރަމްނެގެޓިވް ރޮޑްސްއަކީ ކުޑަކަމުދާ ނިޒާމުގެ ހޮޅިއަށް އިންފެކްޝަން ޖައްސާ، ނިއުމޯނިއާއަށްވެސް ހުށަހަޅާ ބެކްޓީރިއާއެކެވެ.

ފެންފުޅީގެ އެއްވެސް ހިސާބެއްގައި މޯލްޑްގެ އަސަރު ހުރި ކަމުގައި ވާ ނަމަ، އެލަރޖިކް ވާ ކަމުގެ ކޮންމެވެސް ނިޝާންތަކެއް ފެންނާނެއެވެ. މިސާލަކަށް، ނޭފަތުން ފެން އައުން، ކިނބިހިއެޅުން، ލޯ ރަތްވުން ނުވަތަ ހިރުވުން ފަދަ އަލާމާތްތަކެއް ފެނިދާނެއެވެ. ނޭވާ ހިއްލާ މީހަކަށް ތަޖުރިބާ ކުރަން ޖެހޭ ވޭން، އިތުރުވެއެވެ.

އެހެންވިއްޔާ، ރީފިލް ފެންފުޅި ދޮންނަން ވީ ކިހާ ވަރަކަށް ހެއްޔެވެ؟ ޑރ ޑޮނާލްޑް ގްރާންޓް ބުނާ ގޮތުގައި، ބަލި ޖެހުމާ ދުރުވުމަށްޓަކައި، ރީފިލް ފެންފުޅި ބޭނުންކުރާ ކޮންމެ ފަހަރަކީ އެ ފުޅި ރަނގަޅަށް ދޮވެ، ސާފުކޮށްގެން ބޭނުން ކުރަން ޖެހޭ ފަހަރެކެވެ. ރީފިލް ފެންފުޅިއަކީ ކޮންމެ ހަފުތާއަކުވެސް އެންމެ މަދުވެގެން 4، 5 ފަހަރު ގަދައަށް ސާފުކޮށް ދޮންނަން ޖެހޭނެ އެއްޗެކެވެ.

ދުވަހުން ދުވަހަށް ރީފިލް ފެންފުޅި ދޮވުމަށްޓަކައި މާ އަގުބޮޑު އެއްޗެއްސެއް ހޯދާނެ ކަމެއް ނެތެވެ. ބޭނުންވާނީ ހޫނު ފެންފޮދަކާއި އާންމުކޮށްވެސް ތަށިތައް ދޮންނަން ގެންގުޅޭ ޒާތުގެ ދިޔާ މާއްދާއެކެވެ. ފެންފުޅި ރަނގަޅަށް ދޮވުމަށްޓަކައި، ވަކިކޮށްލެވެން ހުރި ހުރިހާ ބައެއް ވަކި ކުރުމަށްފަހު، ހޫނުފެނާއި ޑިޝްވޮޝް އެއް ކުރި ފެންގަނޑު ތެރޭގައި ގަޑިއިރުތަކެއް ވަންދެން ބަހައްޓާށެވެ. ނުވަތަ އެއްކުރި ހޫނުފެނާއި ޑިޝްވޮޝް، ރީފިލް ފެންފުޅިއަށް އަޅާ، ރަނގަޅަށް ހަލުވާލުމަށްފަހު، ފޯވަންދެން ބަހައްޓާށެވެ. ފުޅި ދޮވެ ސާފު ކުރުމަކީ ހޮޅިތަކާއި، މަތިގަނޑުގެ އިތުރުން، ދެވެންވެސް އެ ފުޅީގައި ހިމެނޭ ބައިތައް ދޮވެ ސާފު ކުރުމެވެ. އެހެން ކަމުން، ފުޅީގައިވާ ހޮޅިކޮޅާއި، ހޮޅި ދަތުރު ކުރަން ޚާއްޞަކޮށްފައި ވާ ޖާގަތަކާއި، ފެން ލީކުވުން ހުއްޓުވުމަށް އަޅާފައިވާ ޕެކިންތަކާއި، އެފަދަ ހުރިހާ ބަނޑިބަޑިތަކެއް ސާފު ކުރަން ޖެހެއެވެ. އެތަންތަން ސާފު ކުރެވޭ ފަދަ ހިމަ ބުރުސްތަކާއި، ފަލަ ބުރުސްތައްވެސް ގެންގުޅެން ޖެހޭނެއެވެ.

ރީފިލް ފެންފުޅި ސާފުކޮށް ދެތިން ދުވަސް ފާއިތުވެއްޖެނަމަ، ފިސާރި ރަނގަޅަށް އެ ފުޅިއެއް ދޮވެ، ސާފު ކުރަން ޖެހޭނެ ކަމަށް ޑރ ޑޮނާލްޑް ގްރާންޓް ބުންޏެވެ. އެގޮތުން، ދެބައިކުޅަ އެއްބައި ފެނުގެ ތެރެއަށް ދެބައިކުޅަ އެއްބައި ވިނެގަރ އަޅާ އެއްކޮށްލާށެވެ. އަދި އެ ފެންގަނޑުގެ ތެރޭގައި ރޭގަނޑުގެ ހަތަރު ދަން، ރީފިލް ފެންފުޅި، ބައިތައް ވަކި ކުރުމަށްފަހު ބާއްވާށެވެ. އެއަށްފަހު ވިނެގަރ ފެންގަނޑުން ފުޅިއާއި ފުޅީގެ ބައިތައް ނަގާ، ފެން އަޅާ ދޮވެލުމަށްފަހު އަލުން ބޭނުން ކުރަން ފެށުމުގެ ކުރިން، ހުރިހާ ބައެއް އެކީ އެކައްޗަކަށް ހިކެންވެސް ވާނެއެވެ.

ރީފިލް ފެންފުޅިއަށް އަޅާ އެއްޗެއްސާ މެދުވެސް ސަމާލުވާން ޖެހެއެވެ. އެ ފުޅިއަކީ ފެން ފިޔަވާ އިތުރު އެއްޗެއް އަޅަން ބޭނުން ކުރާ އެއްޗަކަށް ނުހަދާށެވެ. ޕްރޮޓީން ޝޭކްތަކާއި، އެނަރޖީ ޑްރިންކްސް އަދި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތަކަކީ، ރީފިލް ފެންފުޅިއަށް އަޅާ ބާވަތްތަކަކަށް ނުހަދާށެވެ. ހަކުރަކީ، ބެކްޓީރިއާ އަށަގެންނެވުމަށް މަގުފަހި ކުރާ އެއްޗެކެވެ.

އޮފީސް ތެރޭގައި ކަމަށް ވިޔަސް، ޓެކްސީ ކުރަން ދުއްވާ ކާރު ތެރޭގައި ކަމަށް ވިޔަސް، ނުވަތަ އެ ނޫން ތަނެއްގައި ކަމަށް ވިޔަސް، އިރުގެ އަވިން ރީފިލް ފެންފުޅި ސަލާމަތް ކުރަންޖެހެއެވެ. ގިނަ ވަގުތުތަކަކަށް އިރުގެ އަވި ޖެހޭ ހިސާބެއްގައި އެ ފުޅި ހުރެއްޖަނަމަ، ފުޅީގައިވާ ތެތްކަމާއި، އިރުގެ އަވިން ލިއްބައިދޭ ހޫނުކަމާއެކު ބެކްޓީރިއާ އިތުރުވުމުގެ މައްސަލަ، ގޯހުން ގޯހަށް ދިއުން ގާތެވެ. ދެން އެހެންވިއްޔާ، ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި، އެއް ފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް ފުޅީގައި ކޮޅުފައިން ޖެހުމަށްފަހު، މި ޚިޔާރު ކުރި ރީފިލް ފެންފުޅިއަކީ އަމިއްލަ ނަފުސާ ދެކޮޅަށް ބެހެއްޓުނު ހަތިޔާރެއް ނޫންބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް