ފަލަސްތީން ރައްޔިތުންގެ ދިފާއު ގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކަށް ކުރިމަތިލާ ޖިހާދު ކުރަމުންދާ ހަމާސް ގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އިޒްރޭލުން ހަމަލާ ދީ އަންގާރަ ދުވަހުގެ ރޭ އަވަހާރަ ކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް އެހަމަލާ ކުށްވެރިކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަމާސް ގެ ލީޑަރު ހަނިއްޔާ ތެހެރާން ގައި އަވަހާރަ ކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ގެންދަނީ އެކަން ކުށްވެރި ކުރަމުންކަން ފާހަގަ ކުރެވެއެވެ.
އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެން ހުންނަވަނި ކޮށް ހަނިއްޔާ އަށް ހަމަލާ ދިނީ އޭނާ ތެހެރާންގައި ހުންނެވި އިމާރާތައް ޔަހޫދީ ދައުލަތުން ދިން މިސައިލް ހަމަލާއެއް ގައެވެ. ހަމަލާ އާ ގުޅިގެން އީރާން ރައީސް ވިދާޅުވީ، އީރާނުގެ ސިޔާދަތާއި، ޝަރަފް ހިމާޔާތް ކުރައްވާނެ ކަމަށާއި، އިރާނުގެ އިސްތިގްލާލަށް އަރައިގަތް ފިނޑިންނަށް މި ކުރެވުނު ކަންތަކާ މެދު ހިތާމަ ކުރަން ޖެހޭނެ ކަމުގައެވެ.
އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ނެރުއްވި ބަޔާނުގައި ވިދާޅުވީ، މުޖުރިމު، ނިރުބަވެރި ޔަހޫދީ ދައުލަތުން ހަނިއްޔާ ޝަހީދު ކޮށްލީ އީރާނުގެ ލޮބުވެރި މެހްމާނެއްގެ ގޮތުގައި، އީރާނުގެ ހިޔާވަހި ކަމުގައި ހުންނަވަނިކޮށް ކަމަށް ވުމީ ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށާއި، އެއާ އެކުއެކީ އަނިޔާވެރިންނަށް ހަރުކަށި އަދަބު ދިނުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ފިނޑި އެހެން ނަމަވެސް ނުރައްކާތެރި އަމަލެއް ކަމަށް އައްބާސް ނެރުއްވި ބަޔާނުގައި ވެއެވެ. ފަލަސްތީންގެ ރައީސް ވަނީ އިޒްރޭލުގެ އަނިޔާވެރި ކަމުގެ ކުރިމަތީގައި ފަލަސްތީނުގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަ ވުމަށް ގޮވާލައްވާފައެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ލިއާން ޖިއާން ވަނީ ޗައިނާ އިން ހަނިއްޔާ އަވަހާރަކޮށްލި އަމަލު ކުށްވެރި ކުރާކަން ހާމަ ކޮށްފައެވެ. އަދި މި އަމަލަށް ޗައިނާ އިން ދެކޮޅު ހަދާ ކަމަށާއި، ގާޒާ ގެ ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހައެއް ފަލަސްތީނަށް ވީހާވެސް އަވަހަކަށް ގެނައުމަށް ޗައިނާ އިން އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
މެލޭޝިއާ އިން ވެސް ވަނީ ހަނިއްޔާ އަވަހާރަ ކޮށްލި އަމަލު ކުށްވެރި ކޮށްފައެވެ. މި އަމަލު ހިންގި ގޮތުގެ އަވަސް ތަހުގީގެއް ކޮށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް މެލޭޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ގަތަރުން ވެސް ވަނީ ހަނިއްޔާ އަވަހާރަކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ބަޔާނެއް ނެރެފައެވެ. ގަތަރުގެ ޚާރިޖިއްޔާގެ ބަޔާނުގައި މިއީ އަމަލަކީ ނުރައްކާތެރި އަދި ބައިނަލް އަގްވާމީ ގާނޫނާ މުޅިން ޚިލާފް އަމަލެއް ކަމަށް ބުނެފައިވެއެވެ.
ރަޝިއާ އިން ބުނެފައިވަނީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި އަމަލުގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަ ނުޖެހުން އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި ހަނިއްޔާ އަވަހާރަ ކޮށްލުމުން އަނެއްކާ ވެސް އެނގިގެން ދަނީ ނަތަންޔާހޫގެ ސަރުކާރުން އެއް ގޮތަކަށް ވެސް ސުލްހަ ބޭނުން ނުވާކަން ހާމަ ވެގެން ހިނގައްޖެ ކަމުގައެވެ. މީގެ އިތުރުން، ބައިނަލް އަގްވާމީ މުޖްތަމައުން އިޒްރޭލު ނުހުއްޓުވައިފި ނަމަ އަދި މާ ބޮޑު ހަމަ ނުޖެހުމަކަށް މުޅި ސަރަހައްދު ވެއްޓިގެން ހިނގަދާނެ ކަމަށް ވެސް ތުރުކީގެ ބަޔާނުގައި ވެއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.