ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 21:20
އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ތެހެރާންގެ މަޖިލީހުގައި ބޭއްވި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ތެހެރާންގެ މަޖިލީހުގައި ބޭއްވި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ރޮއިޓާސް
އީރާނުގެ ރައީސް ހުވާކުރެއްވުން
އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް މަގާމުގެ ހުވައި ކުރައްވައިފި
ޕެޒެޝްކިއާން އަށް އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ 30 މިލިއަން މީހުންގެ ތެރެއިން 16 މިލިއަނަށް ވުރެ ގިނަ މީހުންގެ ވޯޓު ލިބިފައިވެއެވެ.

އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދު ޕެޒެޝްކިއާން އެ ގައުމުގެ ރައީސް ކަމުގެ ހުވައި ކުރައްވައިފިއެވެ.

އުމުރުފުޅުން 69 އަހަރުގެ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވީ އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ދުނިޔޭގެ 80 ގައުމަކުން އެ ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

މަގާމުގެ ހުވައި ކުރެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހުގައި އޭނާ ވަނީ އިސްލާމްދީނާއި، އީރާނުގެ ގާނޫނު އަސާސީ ހިމާޔަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އީރާންގެ އައު ރައީސް މަގާމުގެ ހުވައި އަންގާރަ ދުވަހު ކުރެއްވި ނަމަވެސް ރައީސްގެ ދައުރު ފެށިފައިވަނީ އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމަށް އެންޑޯޒް ކުރެއްވި ދުވަސް ކަމަށްވާ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެއެވެ.

އީރާނުގެ ގާނޫނު ބުނާ ގޮތުން މަގާމުގެ ހުވައި ކުރައްވާތާ ދެ ހަފްތާގެ ތެރޭގައި ރައީސް އޭނާގެ ކެބިނެޓް ގާނޫނު ހަދާ މަޖިލީހަށް ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހޭނެއެވެ.

އީރާނުގެ އައު ރައީސް ވަނީ ފުރަތަމަ ނައިބު ރައީސް ކަމުގެ މަގާމަށް އުމުރުން 72 އަހަރުގެ މުހައްމަދު ރިޒާ އާރިފް އާދިއްތަ ހަމަ ޖައްސަވާފައެވެ. ރިޒާ ވަނީ މުހައްމަދު ޚާތަމީ ގެ ވެރިކަމުގައި ވެސް އެގައުމުގެ ނައިބު ރައީސް ކަމުގެ މަގާމު އަދާ ކުރައްވާފައެވެ.

ހިތުގެ އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަދި ފަހުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ ޕެޒެޝްކިއާން ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވި ޖުލައި 5 ވަނަ ދުވަހު އެ ގައުމު ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ވޯޓު ލީ މީހުންގެ 54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް