Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 14:01
ޒިޔަދަމް މަރާލުމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައި
ޒިޔަދަމް މަރާލުމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައި
ރާއްޖެއެމްވީ
ޒިޔަދަމްގެ މަރު
ޒިޔަދަމްގެ މަރު: ސިފާމް އުމުރަށް ޖަލަށް ލާން ކުރި ހުކުމް ދަމަހައްޓައިފި
އެނާގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަ އަދި އެންމެ މަތީ ދަރަޖައިން އަދަބު ކަނޑައެޅޭ ޙާލަތުގައި
ސިފާމް އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ޙުކުމް ބާތިލު ކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ އިސްތިއުނާފުގެ ގޮތް ނިންމުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި 7 އަހަރަށްފަހު ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުޙައްމަދު ޝަނޫން މަރަން ޙުކުމްކޮށް، އެކަމުގައި ބައިވެރިވި އަލީ ސިފާމް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ސިފާމްގެ މައްޗަށް ގަސްތުމަރު ސާބިތުނުވިއެވެ. ނަމަވެސް އޭނާ އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ޒިޔަދަމްއަށް ސަލާމަތްވާން ލިބުނު ފުރުސަތުތައް ހަނިވެގެން ދިޔަކަމަށް ދައުލަތުން ދަށު ކޯޓުގައި ވަނީ ސާބިތު ކޮށްދީފައެވެ.  

އެނާގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަ އަދި އެންމެ މަތީ ދަރަޖައިން އަދަބު ކަނޑައެޅޭ ޙާލަތުގައިކަމަށްވާތީ ދަށު ކޯޓުން ގާޒީ ވަނީ އޭނާގެ މައްޗަށް ސާބިތުވި ކުށަށް ކަނޑައެޅޭނެ އެންމެ މަތީ އަދަބުކަމަށްވާ 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. 

ސިފާމްގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހޯމަ ދުވަހު ބޭއްވި އަޑުއެހުމަކީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު, އަލްއުސްތާޛު ޙަސަން ޝަފީޢު, އަލްއުސްތާޛް މުޙައްމަދު ސަލީމްއެވެ.

އިސްތިއުނާފުގައި ސިފާމްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި އަދަބު ކަނޑައަޅަން ޖެހޭނީ ޤާނޫނުލްއުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އޭނާގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވެ, ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަށެވެ.

Advertisement

ހައިކޯޓުގައި މައްސަލަ ނިންމެވިއިރު ރައުޔު އިއްވަވަމުން ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ކުށް ސާބިތު ކުރުމުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ދަށު ކޯޓުން ރުޖޫއަވެފައިވަނީ ހަމައެކަނި އެ ކުށުގައި ބައިވެރިވުމަކީ ކޮބައިކަން ވަކިން މާނަކޮށްފައިވާ ގޮތް ބެލުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ދަށު ކޯޓުން މައްސަލަ ސާބިތުކުރިއިރު ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވެގެންކަމަށް ބުނެވޭކަށް ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ ތޫނު ހަތިޔާރު ޤާނޫނުގެ ދަށުންކަން މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވާ ވާގިޔާތަކުން އެނގޭ ކަމަށެވެ.

އޭގެ އިތުރުން ޤާނޫނު ނަންބަރު 17/2020 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާ ތަތުބީޤު ކުރުމުގައި ގޯހެއް ހަދާފައިވާކަމަށް ދެވަނަ އިސްތިއުނާފީ ނުކުތާގައި ވަކީލު ވިދާޅުވެފައިވެއެވެ.

ސިފާމްގެ ވަކީލު ވިދާޅުވީ، އެކަމުގެ ސަބަބުން އޭނާގެ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެ ނުކުތާގައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ކުށުގެ ރުކުންތައް ފުރިހަމަ ކޮށްފައިވަނީ ތޫނު ހަތިޔާރު ޤާނޫނުގެ ދަށުންކަމާމެދު އެއްވެސް އޮޅުމެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު އެ މާއްދާ ތަތުބީޤު ކޮށް އަދަބު ކަނޑައެޅުމުގައި ގޯހެއް ނެތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ސިފާމް އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ޙުކުމް ބާތިލު ކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް