ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 19:13
އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ތެހެރާންގައި ބޭއްވި އެންޑޯސްމަންޓް ރަސްމިއްޔާތުގައި
އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ތެހެރާންގައި ބޭއްވި އެންޑޯސްމަންޓް ރަސްމިއްޔާތުގައި
ރޮއިޓާސް
އިރާނުގެ އައު ރައީސް އެންޑޯސް ކުރެއްވުން
އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދު ޕެޒެޝްކިއާން އީރާންގެ ރައީސް ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އެންޑޯސް ކުރައްވައިފި
ޕެޒެޝްކިއާން އަށް އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ 30 މިލިއަން މީހުންގެ ތެރެއިން 16 މިލިއަނަށް ވުރެ ގިނަ މީހުންގެ ވޯޓު ލިބިފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދު ޕެޒެޝްކިއާން އީރާންގެ ރައީސް ކަމުގެ މަގާމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާދިއްތަ ދުވަހު ރަސްމީ ކޮށް އެންޑޯސް ކުރައްވައިފިއެވެ.

އީރާނުގެ ރޫހާނީ ލީޑަރުގެ އޮފީހުގެ ޑިރެކްޓަރ، ޚާމަނާއީގެ ފަރާތްޕުޅުން އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިއްވި ބަޔާނުގައި އެ ގައުމުގެ ރައީސްގެ މަގާމަށް އެންޑޯސް ކުރެއްވުމުގެ އިތުރުން އެ މަގާމަށް ޕެޒެޝްކިއާން އައްޔަން ކުރެއްވި ކަމަށްވެސް ވެއެވެ.

އީރާންގެ އައު ރައީސް މަގާމުގެ ހުވައި ކުރައްވާނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އަންނަ އަންގާރަ ދުވަހު ކަމަށް އީރާންގެ ރަސްމީ މީޑިއާ އިން ބުނެފައިވެއެވެ.

ރޫހާނީ ލީޑަރ އަލީ ޚާމަނާއީ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމަށް އެންޑޯސް ކުރެއްވުމަށް ވެރިރަށް ތެހެރާން ގައި ބޭއްވި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންނާއި، ބޭރު ގައުމު ތަކުގެ ޑިޕްލޮމެޓުން ބައިވެރިވެފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެއެވެ.

މި ރަސްމިއްޔާތު ނިމުމާއެކު އީރާނުގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު މޮޚްބާރް ވަނީ ރައީސް ކަމުގެ ޒިންމާތައް އުމުރުން 69 އަހަރުގެ ޕެޒެޝްކިއާން އާ ހަވާލު ކުރައްވާފައެވެ.

އީރާނުގެ އައު ރައީސް ވަނީ ފުރަތަމަ ނައިބު ރައީސް ކަމުގެ މަގާމަށް އުމުރުން 72 އަހަރުގެ މުހައްމަދު ރިޒާ އާރިފް އާދިއްތަ ހަމަ ޖައްސަވާފައެވެ. ރިޒާ ވަނީ މުހައްމަދު ޚާތަމީ ގެ ވެރިކަމުގައި ވެސް އެގައުމުގެ ނައިބު ރައީސް ކަމުގެ މަގާމު އަދާ ކުރައްވާފައެވެ.

ހިތުގެ އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަދި ފަހުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ ޕެޒެޝްކިއާން ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވި ޖުލައި 5 ވަނަ ދުވަހު އެ ގައުމު ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ވޯޓު ލީ މީހުންގެ 54 އިން ސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުންވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ ޕެޒެޝްކިއާން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް